ދިރާސީ އައު އަހަރުގެ ކިޔެވުން އަންނަ ޖެނުއަރީ މަހު ފެށުމުގެ ކުރިން، ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމަން އެޑިއުކޭޝަން މިނިސްޓްރީން އިން ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލުތަކުގައި އޭސީ ހަރުކުރަން ފެނަކައާ އެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެގޮތުން މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ.

Ad
rt

މި މަޝްރޫޢު ހަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިސްމާއިލް ވިދާޅުވީ ރާއްޖޭގެ ހޫނުމިން ބައެއް ދުވަސްތަކުގައި 40 ޑިގްރީން މައްޗަށް އަރާއިރު، 30 ކުދިން ތިބޭ ކްލާހެއް ނަމަވެސް ދަރިވަރުންނަށް ވަރަށް އުނދަގޫތަކަކާ ކުރިމަތިވާނެ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ދަރިވަރުންނަށް ވީހާވެސް ރަނގަޅު މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށްކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެން މަސައްކަތް ފެށީ ދެ އަހަރު ތެރޭ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކޮށް ނިންމަން. މިހާރު އެސްޓިމޭޓެޑް ޓައިމް ލައިނަކީ މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމެންވާއިރަށް ސްކޫލުތަކަށް އޭސީ ފޮނުވައި، ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން،"

މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، މި ރައްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަޖާހް ވިދާޅުވީ، ރައީސްގެ އިރުޝާދުގެ ދަށުން ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ވިއުގަ ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށް ގެނދާކަމަށާއި މިހާރު އިން ޓައިމްލައިގައި (ސެޕްޓެމްބަރުގައި ފަށައި ޖެނުއަރީއަށް) ނިންމޭނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށެވެ.

މިއަދު ފެނަކަ އާއި މި މަޝްރޫޢު ނިންމަން ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން 54 މިލިއަން ރުފިޔާ ހަވާލުކުރެވިފައިވާއިރު، ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރަން ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުގެ ސަބަބުން ދައުލަތުން މިހާރު ކުރާ ހަރަދަށްް އިތުރު ވަނީ 38 ޕަސެންޓެވެ. އެ ޕްރޮޖެކްޓްގެ 30 ޕަސެންޓަކީ ގެންދާނީ އިޔާދަކުރަނިވި ހަކަތަ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ސަރުކާރު ހުރިހާ ސްކޫލްތަކެއްގެ ކްލާސްރޫމްތަކާއި ހޯލްތައް 2 އަހަރުގެ ތެރޭގައި އޭސީ ކުރަން ނިންމައި "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހްކުރީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.