ކްލީން މޯލްޑިވްސް އާއި ދިރާގުން ގުޅިގެން"ދިރާގު ގޯ ގްރީން 2025"ގެ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން ހއ. ދިއްދޫގައި 2000 ގަސް އިން އިންދައިފިއެވެ.
ތިމާވެށީގެ ދުވަހާ ގުޅުވައިގެން މި މަހުގެ ދެވަނަ ދުވަހުން ހަތަރަކަށް ކުރިޔަށް ގެންދިޔަ މި ހަރަކާތަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ އިތުރުން، އެފަދަ ކަންކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމެވެ. މި ހަރަކާތަކީ ދިއްދޫ ކައުންސިލާއި، ދިއްދޫ ކުރިމަގު ޖަމިއްޔާއާއި އަދި ސްކޫލް ކުދިންގެ އިތުރުން، އާންމުންގެ ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ހއ. ދިއްދޫގައި ހިންގި ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން އެ ރަށުގެ އެކި ހިސާބުތަކުގައި 2،000 ގަސް ވަނީ އިންދައިފައެވެ. މި އިންދި ގަސްގަހަކީ ދިގު މުއްދަތަށް ފައިދާ ލިބޭ ބާވަތުގެ ގަސް ކަމަށް ދިރާގުން ބުނެއެވެ.
ދިއްދޫގައި އިންދާ ގަސްތަކުގެ ތެރޭގައި އަނބުގަހާއި، ފޭރުގަހާއި، ރޯސް އެޕަލް އަދި އެކި ބާވަތްތަކުގެ ހިޔާ ލިބޭ ގަސްތައް ހިމެނެއެވެ. މީގެ ތެރެއިން 1،000 ގަހަކީ ދިރާގުން ހަދިޔާކޮށްފައިވާ ގަހެވެ.
ދިރާގު ގޯ ގްރީންގެ ދަށުން ހިންގި މުހިންމު ހަރަކާތްތައް
- ހއ. ދިއްދޫ ގޭގެއަށް މޭވާ އަޅާ ގަސް ހަދިޔާކުރުން
- ކުނި މެނޭޖުކުރުމާއި، ރީސައިކަލް ކުރުމާއި، ގަސްއިންދުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ފައިދާތަކާބެހޭގޮތުން ސްކޫލް ކުދިންނާއި އާންމުން ހޭލުންތެރިކުރަން ސެޝަންތަކެއް ބޭއްވުން
- ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާ ބެހޭ ގޮތުން ދިއްދޫ ކައުންސިލާއި ދިއްދޫ ކުރިމަގު ޖަމިއްޔާގެ ބައިވެރިވުމާއެކު ޕެނަލް ޑިސްކަޝަނެއް ބޭއްވުން
- ކުޑަކުދިންނާއި ޒުވާނުންނަށް ޚާއްސަކޮށްގެން ސަސްޓެެއިނެބިލިޓީއާ ގުޅޭ ތީމްތަކަށް ކުރެހުމުގެ މުބާރާތެއް ބާއްވައި، އިކޯ ފްރެންޑްލީ އިނާމުތައް ދިނުން
- ސިންގަލް ޔޫސް ޕްލާސްޓިކު މަދުކުރުމަށް ދިރާގުން ހަރަކާތުގެ ބައިވެރިންނަށް ރީޔޫޒަބަލް ކޮތަޅު ހަދިޔާކުރުން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!