އީދު ހަދިޔާއެއްގެ ގޮތުން، ހއ.ދިއްދޫ ދި-ފައުންޑޭޝަނުން އެ ރަށުގައި ދާއިމީ ގޮތެއްގައި ތެރަޕީގެ ހިދުމަތް ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.

ހއ.އަތޮޅުގައި މިވަގުތު އެއްވެސް ތެރަޕީއެއްގެ ހިދުމަތް ލިބެމުން ނުދެއެވެ. ވުމާއިއެކު އެ އަތޮޅުގައި ތިބި ތެރަޕީގެ ހިދުމަތް ބޭނުންވާ ފަރާތްތަކުން، އެ ފަރުވާ ހޯދުމަށް ދާންޖެހެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. ނުވަތަ މާލެއަށެވެ. މިއީ ހަރަދު ބޮޑު އަދި އެކަމުގައި ބޮޑު ތަކުލީފު ހިމެނޭ ދަތުރަކަށްވާތީ، ދި-ފައުންޑޭޝަނުން އަމާޒު ހިފާފައި ވަނީ ދިއްދޫގައި ތެރަޕީގެ ހިދުމަތް ފަށައި ދިއްދޫއަށާއި އަދި އެ އަތޮޅުގައި އެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ.

Ad
rt

ވުމާއިއެކު އެ ހިދުމަތް ބޭނުންވާ ފާރާތްތައް ދެނެގަތުމަށް ދި-ފައުންޑޭޝަނުން މިހާރުވަނީ އޮންލައިން ފޯމެއް ފުރިހަމަ ކުރުމަށް ހުޅުވާލާފައެވެ. އެ ފައުންޑޭޝަނުން އެދެނީ އެއްވެސް ތެރަޕީއެއް ބޭނުންވާ ފަރާތެއް ހުރިނަމަ ފޯމް ފިލް ކުރުމަށް ފަހު ސަބްމިޓް ކުރެއްވުމަށެވެ.

މި ނޫހަށް މައުލޫމާތު ހިއްސާ ކުރަމުން ދި-ފައުންޑޭޝަނުން ބުނީ މިހާރު ފިލް ކުރުމަށް ހުޅުވާލާފައިވާ ފޯމްގެ އެންމެ ބޮޑު ބޭނުމަކީ ދިއްދޫއާއި އަދި މި ހިސާބު ރަށްތަކުގައި ތެރަޕީއަށް ބޭނުންވެފައި ތިބި މީހުންގެ ނިސްބަތް ދެނެގަތުމާއި، އަދި ބޭނުންވާ ތެރަޕީތަކުގެ ނިސްބަތް ވެސް ދެނެގަތުން ކަމަށެވެ.

އެ ފައުންޑޭޝަނުން ބުނީ ހިދުމަތް ގާއިމްވެގެން އަންނައިރު ތެރަޕިސްޓުން ބައިތިއްބަންވީ އަދަދުފަދަ ކަންކަން ހަމަޖެއްސުމަށް އެ ހިދުމަތަށް ބޭނުންވާ މީހުންގެ ނިސްބަތް އެނގުން މުހިންމު ކަމަށެވެ. އަދި ފޯމުގައި ހިމަނާފައިވާ ތިން ތެރަޕީ ކަމަށްވާ ސްޕީޗް ތެރަޕީ، ބިހޭވިއާ ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީއަށް ބޭނުންވާ ފަރާތްތަކުގެ ނިސްބަތް ވެސް ފަސޭހަކަމާއިއެކު ދެނެގަނެވިގެންދާނެ ކަމަށެވެ.

އެ ފައުންޑޭޝަނުން ބުނީ ހިދިމަތް ފެށުމުގެ ކުރީން، ތެރަޕީއަށް ބޭނުންވާ މީހުންގެ އެސެސްމެންޓް ހެދުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި، އެސެސްމެންޓް ހެދުމުގެ ކަންކަން ކޮށްދޭނީ ހިލޭ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 7656766 ނަމްބަރު ފޯނާއި ގުޅުއްވުމަށް އެ ފައުންޑޭޝަނުން އެދެއެވެ.