މާޅޮސްމަޑުލު ހުޅުދުއްފާރަކީ މާ އިހުޒަމާނެއްގައި މީހުން ދިރިއުޅެ ފަޅުވެފައި އޮތް ރަށެއްކަމަށް ތާރީޚީ ހެކިތަކުގެ މައްޗަށް ބިނާކުރާއިރު ފެނެއެވެ. ހުޅުދުއްފާރުގައި ރަސްމީކޮށް އަލުން މީހުން ދިރިއުޅެން ފެށިތާ މި އަހަރު 30 އަހަރު ފުރިއްޖެއެވެ. ހުޅުދުއްފާރަށް ބަދަލުކުރެއްވީ މާޅޮސްމަޑުލު ގާއުނޑޫދޫ މީހުންނާއި އެ އަތޮޅު އުނގުލު މީހުންނެވެ. ހުޅުދުއްފާރަކީ މީހުން ދިރިއުޅޭ ރަށެއްކަމަށް ހަމަޖައްސަވައި، އެކަން ރަސްމީކޮށް އިޢުލާނުކުރެއްވީ 13 މާޗު 1995 ގައި ރައީސުލްޖުމްހޫރިއްޔާ އެ ރަށަކަށް ކުރެއްވި ދަތުރުފުޅުގައެވެ. މިއާއެކު ގާއުނޑޫދޫ އާއި އުނގުލަކީ ފަޅުރަށްރަށް ކަމުގައި ވެސް ސަރުކާރުން ހަމަޖެއްސެވިއެވެ.
މާޅޮސްމަޑުލު ރަސްގެތީމު މާވަޑިއެއް އަދި ކަނބުރެއް ކަމުގައިވާ އީސާފުޅުބެއާއި، ގާއުނޑޫދޫ އަނދިރި ކަރީމްބެއާއި، ގާއުނޑޫދޫ މޫސާކަލޭފާނަށް ހަވާލާދީ، އެ މީހުންގެ ކިބައިން ގާއުނޑޫދޫ އަލިފުޅުބޭ އަޅުގަނޑަށް ނަޤުލުކޮށްދިން ގޮތުގައި، ހުޅުދުއްފާރު ފަޅުރަށަކަށް އޮއްވައި، އެ ރަށް ރަށަކަށް ހެދީ ތިލަދުންމަތީ އިހަވަންދޫ ކެޔޮޅުގޯތި ދޮން އާދަނެވެ. އެއީ، މީގެ 275 ވަރަކަށް އަހަރު ކުރީގައެވެ. މީލާދީ ގޮތުން 1750 ވަނަ އަހަރުގެ ހިސާބުގައެވެ. މި ދޮން އާދަނަކީ އަލިފުޅުބޭގެ ހޫރުކާފައެވެ.
އަލިފުޅުބޭ ނަޤުލުކުރި ގޮތުގައި، ތިލަދުންމަތީ ކެޔޮޅުގޯތި ދޮން އާދަނު ކުރި ދަތުރެއްގައި، އޭނާ ހުޅުދުއްފާރު ދެކެފައި، ރަށް ބޮޑުވެފައި، ބޮޑު ފަސްގަނޑެއް އޮވެފައި، ރަށް ރީތިވެފައި، ގަސްވިނަ އޮވެފައި، ރުއްކޮޅެއް ހުރީމާ، އޭނާ ގޮސް ކޮރުބަންޑާރައިންގެ ފާތުރާދަށުގައި އޭނާއަށް މި ރަށް ލިޔުއްވައި ދެއްވައިތޯ ދެންނެވީމާ، ކޮރުބަންޑާރައިން އޭނާއަށް މި ރަށް ލިޔުއްވައި ދެއްވީއެވެ.
އަލިފުޅުބޭ ކިޔައިދިން ގޮތުގައި، އިހަވަންދޫ ކެޔޮޅުގޯތި ދޮން އާދަނަށް ހުޅުދުއްފާރު ފެނުނު އިރު، އެ ރަށުގައި ހުރީ ވަރަށް މަދު ރުއްކޮޅެކެވެ. ހުރި ރުކުގެ އަދަދުކަމަށް މީގެ ފަންސާހަކަށް އަހަރު ކުރިން ރަސްގެތީމު އީސާފުޅުބޭ ސީދާ ބުނި އަދަދެއް މިހާރަކު ހަނދާނެއް ނެތް ކަމަށާއި، އީސާފުޅުބޭ ބުނީ 5 ނުވަތަ 7 ކަމަށެވެ. އަދި ގާއުނޑޫދޫ އަނދިރި ކަރީމްބޭ ބުނީ ހުރީ ވަރަށް ކުޑަ ރުއްކޮޅެއް ކަމަށެވެ. ގާއުނޑޫދޫ މޫސާކަލޭފާނުގެ ބަސް ވެސް ހުރީ މިކަހަލަ ގޮތަކަށް ކަމަށެވެ.
އަލިފުޅުބޭ ނަޤުލުކޮށްދިން ގޮތުގައި، ދެން، އިހަވަންދޫ ކެޔޮޅުގޯތި ދޮން އާދަނު ހުޅުދުއްފާރު ލިޔުއްވައިގެން އައިސް މި ރަށުގައި އޭނާ ރުއްއަރައި، މަސައްކަތް ފަށައިގަތީއެވެ. އަދި ގާއުނޑޫދޫ އަންހެނަކާ އިނެވެ. މި ދެމަފިރިންނަށް 4 ފިރިހެން ކުދީން ލިބުނެވެ. އަދި އަންހެން ކުދީން ވެސް ތިއްބެވެ. މިހާރު ގާއުނޑޫދޫގެ ވަރަށް ގިނަ ބައަކީ އިހަވަންދޫ ކެޔޮޅުގޯތި ދޮން އާދަނުގެ ފަރާތުން އައިސް ތިބި މީހުންނެވެ.
އަލިފުޅުބޭ ނަޤުލުކޮށްދިން ގޮތުގައި، އިހަވަންދޫ ކެޔޮޅުގޯތި ދޮން އާދަނުގެ (ދެމަފިރިންގެ) މަސައްކަތުން ހުޅުދުއްފާރު ރަނގަޅު ރަށަކަށް ހެދުމަށް ފަހު، ކެޔޮޅުގޯތި ދޮން އާދަނު ގޮސް ކޮރުބަންޑާރައިންގެ ފާތުރާދަށުގައި ތިމަންނާއަށް އުމުރަށް މި ރަށް އޮންނާނޭ ގޮތެއް ހައްދަވައި ދެއްވާށޭ ދެންނެވިއެވެ. އަދި އޭނާގެ މިރިމިނީންނަށް ދާންދެން ވެސް މި ރަށް ދެއްވާނެކަމަށް ރަދުން ވިދާޅުވިއެވެ. އެހެންނަމަވެސް މި ދޮން އާދަނު ދެންނެވި ބަހީ، ތިމަންނާގެ ތިބީ 4 ބަދަވީން ކަހަލަ 4 ފިރިހެން ދަރީންނޭ. އެ ކުދީންގެ މެދުގައި ތަޅައި މަރައިފާނޭ. ހަމައެކަނި ތިމަންނާގެ އުމުރަށް މި ރަށް އޮންނާނޭ ގޮތަކަށް ދެއްވާށޭ. ދެން އޭނާގެ ބަސް އައްސަވައި، 4 އަޑުބާ ހަކުރައް މި ރަށް ދެއްވީއެވެ.
އަލިފުޅުބޭ ނަޤުލުކުރާ ގޮތުގައި، އޭނާއަކީ ތިލަދުންމަތީ ކެޔޮޅުގޯތި ދޮން އާދަނުގެ ފުތް ދޮން ތަކުރު (އިބްރާހީމް) ގެ ފުތް އާދަމްކަލޭފާނުގެ ފުތް މޫސާކަލޭފާނުގެ ފުތް އަލިފުޅެވެ. ހުޅުދުއްފާރުގައި ހުރި އިހަވަންދޫ ކެޔޮޅުގޯތި ދޮން އާދަނުގެ ދެމަފިރިންގެ މަހާނަ ހުރި ތަން ވެސް އަލިފުޅުބޭ ކިޔައިދިނެވެ. އޭނާ ވެސް އެ ދެ މަހާނަ ދުށް ކަމަށް ބުންޏެވެ. އަދި އެ ދެ މަހާނައަށް އިޝާރާތްކޮށް އެއީ ތިމަންނާގެ ކާފައާއި މާމަގެ މަހާނަ ކަމަށް އަލިފުޅުބޭގެ ބައްޕަ މޫސާކަލޭފާނު ބުނާ ކަމަށް އަލިފުޅުބޭ ކިޔައިދިނެވެ.
އަލިފުޅުބޭ ނަޤުލުކުރާ ވާހަކައިގައި އޮންނަ ގޮތައް، މި ހާދިސާއެއް ހިނގައިފައިވަނީ ކޮރުބަންޑާރައިންގެ ރަސްކަމުގެ ދުވަސްވަރުގައި ކަމަށް ވުމަކީ ތާރީޚީ ގޮތުން ބަލާއިރު މުސްތަޙީލުކަމެއް ނޫނެވެ. ވުން އެކަށީގެންވާ ވެސް ކަމެކެވެ. ކޮރުބަންޑާރައިން ދިވެހި ރަސްކަމުގެ ތަޚުތުގައި އިންނެވީ މީލާދީން 1750 ހުން 1752 ކަށެވެ. އެއީ، 1752 ވަނަ އަހަރު ހޮޅީން ދިވެހިރާއްޖެ ހިފައި ކޮރުބަންޑާރައިން ހައްޔަރުކޮށްގެން މަލާބާރަށް ގެންދިޔުމާ ހަމައަށެވެ.

މި ހިނގާ 2025 ވަނަ އަހަރު ހުޅުދުއްފާރަށް އަޅުގަނޑު ކުރި ދަތުރެއްގައި އިހު ޒަމާނެއްގައި އެ ރަށުގައި ބޮޑު ގަބުރުސްތާނެއް އޮތްކަމަށް އެ ރަށު ހަރުމީހުން ދެކޭ ތަނަކަށް ދިޔައީމެވެ. ވީޑިއޯގައި އެވަނީ އެތަނަށް ގޮސް އަޅުގަނޑު ނެގި މަންޒަރެކެވެ. މި ކަމުގައި އަޅުގަނޑަށް އެންމެ ބޮޑު އެހީތެރިކަމެއް ދެއްވީ ހުޅުދުއްފާރު އަލުން އާބާދުކުރެވުނު ދުވަސްވަރު އެތަނުގައި ރުއް އިންދުމުގެ މަސައްކަތުގައި އިސްވެ މަސައްކަތްކުރެއްވި ގާއުނޑޫދޫ މުދިމް ސަލީމްބޭގެ ފުތް ޙަސަން އަޙްމަދު ސަލީމެވެ. އޭނާއަކީ ފަޅުވި ގާއުނޑޫދުއާއި އާބާދުވި ހުޅުދުއްފާރުގެ ވެސް އާރުކާޓީއެކެވެ. އޭނާއަކީ ތިލަދުންމަތީ އިހަވަންދޫ ކެޔޮޅުގޯތި ދޮން އާދަނުގެ 4 ވަނަ ކާފަދަރިއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!