މޯލްޑިވްސް ޕޯސްޓްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާތީ، ކަސްޓަމަރުން ސަމާލުވުމަށް އެދެފި އެވެ.
މި މެސެޖުތަކުގައި އައިޓަމްގެ ޑެލިވަރީ އެޑްރެސް ހޯދުމަށް ކަމަށް ބުނެ ލިންކުތަކެއް ހިމަނާފައިވާއިރު، މޯލްޑިވްސް ޕޯސްޓުން އެއްވެސް ކަސްޓަމަރަކަށް މިފަދަ މެސެޖެއް ނުފޮނުވާނެކަން އަންގައިދީފައިވެއެވެ.
"މޯލްޑިވްސް ޕޯސްޓް ޑެލިވަރީ ރިމައިންޑަރ: ލޮބުވެތި ކަސްޓަމަރު، އަޅުގަނޑުމެން ތިޔަބޭފުޅާގެ ޕެކޭޖު ޑެލިވަރކުރަން ގިނަ ފަހަރު މަތިން މަސައްކަތްކޮށްފީމެވެ. ނަމަވެސް ތިޔަބޭފުޅާގެ އެޑްރެސް މަޢުލޫމާތު ރަނގަޅު ނޫންކަމުން، އަޅުގަނޑުމެންނަށް ޑެލިވަރީ ފުރިހަމަ ނުކުރެވެއެވެ! އެހެންކަމުން 6 ގަޑިއިރުގެ ތެރޭގައި މަޢުލޫމާތު ރަނގަޅު ކޮށްލައްވާ: (ސްކޭމް ލިންކް) ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި މަޢުލޫމާތު އަޕްޑޭޓް ނުކުރައްވައިފިނަމަ، ދުވާލަވާ ފީއެއް ނެގޭނެއެވެ."
ސްކޭމަރުން ފޮނުވާ މެސެޖުގައި ބުނެފައިވެއެވެ.
މިފަދަ ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ ކޯލް ސެންޓަރެއް ޤާއިމްކޮށްފައިވެއެވެ. މި ނިޒާމުގެ ދަށުން، މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެ އިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.
ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް އިލްތިމާސްކުރައްވަނީ ސްކޭމް މައްސަލަތައް ހުއްޓުވުމަށްޓަކައި، މިފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކުރުމަށެވެ. އަދި ޒާތީ އަދި މާލީ މަޢުލޫމާތު ރައްކާތެރިކުރުމަށްޓަކައި، ޝައްކުކުރެވޭ ލިންކުތަކަށް ނުފިތުމަށް ސަމާލުވުމަށެވެ.
އެންޓި ސްކޭމް ސެންޓަރުން މިމަހުގެ 22 ވަނަ ދުވަހު އާންމުކުރި ޕޯސްޓެއްގައި ބުނީ މިމަހުގެ 13 ވަނަ ދުވަހުން 19 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 45 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ސްކޭމްތަކުން 481،520.67 ރުފިޔާ ގެއްލުނު ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.
ސްކޭމަރުން، ސްކޭމް ހިންގުމަށް ބޭނުންކޮށްފައިވާ ވަސީލަތްތަކައް ބަލާއިރު ވައިބާ މެދުވެރިކޮށް ނުވަ ސްކޭމެއް، ފޯނު ކޯލް ކޮށްގެން ހަ ސްކޭމެއް ހިންގާފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ. އަދި އައިބޭ، މެސެންޖާ، ޓެލެގްރާމްގެ އިތުރުން އިންސްޓަގްރާމް ބޭނުން ކޮށްގެންވެސް އެކި ސްކޭމް ހިންގާފައިވާކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!