ޓެކް ބިލިއަނަރު އީލޮން މަސްކް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަކިވެވަޑައިގެންނެވިކަން އިއުލާން ކުރައްވައިފިއެވެ.
އޭނާ ވަނީ ފެޑެރަލް ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް މަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަ މަޝްރޫއެއްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. މިކަން އޭނާ އިއުލާން ކުރެއްވީ ބުދަ ދުވަހުގެ ހަވީރު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައެވެ.
"ޚާއްސަ ސަރުކާރުގެ މުވައްޒަފެއްގެ ގޮތުގައި އަޅުގަނޑުގެ މުއްދަތު ހަމަވުމާ ގުޅިގެން، ބޭކާރު ޚަރަދުތައް ކުޑަކުރުމަށް ފުރުސަތު ދެއްވި ރައީސް ޓްރަމްޕް އަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.
"ޑިޕާޓްމަންޓް އޮފް ގަވަރންމަންޓް އެފިޝިއެންސީ (ޑޯޖް) ގެ މަސައްކަތް، ސަރުކާރުގެ އެކި ދާއިރާތަކުގައި ދިރިއުޅުމުގެ އާދައަކަށް ވުމުން، އިތުރަށް ވަރުގަދަވެގެންދާނެ،" މަސްކް ވިދާޅުވީ، އޭނާ އިސްކޮށް ހުންނެވި ޑޯޖްއަށް އިޝާރާތް ކުރައްވަމުންނެވެ.
ވައިޓް ހައުސްގެ ނަން ހާމަނުކުރާ އޮފިޝަލަކު މި ޚަބަރު އެސޯސިއޭޓެޑް ޕްރެސްއަށް ކަށަވަރުކޮށްދެއްވާފައިވެއެވެ.
މަސްކް ޓްރަމްޕްގެ އިދާރާއާ ގުޅިވަޑައިގަތީ ޖެނުއަރީ މަހު، އެމެރިކާގެ ފެޑެރަލް ބަޖެޓުން މަދުވެގެން 1 ޓްރިލިއަން ޑޮލަރު ސަލާމަތްކުރުމުގެ ވައުދާއެކުއެވެ. ނަމަވެސް، ޑޯޖްގެ ވެބްސައިޓުން ދައްކާ ގޮތުގައި މިހާތަނަށް ސަލާމަތް ކުރެވިފައިވަނީ ގާތްގަނޑަކަށް 175 ބިލިއަން ޑޮލަރެވެ. މިއީ އެމެރިކާގެ ކޮންމެ ޓެކްސް ދައްކާ ފަރާތަކަށް 1،088.96 ޑޮލަރެވެ.
ޓްރަމްޕްގެ އިދާރާގައި ޚާއްސަ ސަރުކާރުގެ މުވައްޒަފެއްގެ ގޮތުގައި މަސްކްގެ 130 ދުވަހުގެ މުއްދަތު މޭ 30 ހާއިރަށް ހަމަވާ ގޮތަށް ހަމަޖެހިފައިވެއެވެ. އިދާރާއިން ބުނީ މަސްކު ވަކިވިޔަސް ޑޯޖްގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.
މަސްކް ވަކިވެވަޑައިގަތުމުގެ ނިންމެވުން އައީ، ޓްރަމްޕްގެ "ބޮޑު، ރީތި ބިލް" (big, beautiful bill) އާ މެދު އޭނާ ކަންބޮޑުވުން ފާޅުކުރެއްވިތާ ދުވަސްކޮޅެއް ފަހުންނެވެ. މި ބިލަކީ 1،000 ސަފްހާގެ ގާނޫނެއް ކަމަށާއި، މީގެ ސަބަބުން ބަޖެޓް ޑެފިސިޓް އިތުރުވާނެ ކަމަށް މަސްކް ވިދާޅުވެފައިވެއެވެ.
"ސީދާ ބުނާނަމަ، ބޮޑު ޚަރަދު ބިލް ފެނުމުން އަޅުގަނޑު މާޔޫސްވި، އެއީ ބަޖެޓް ޑެފިސިޓް ކުޑަކުރުމުގެ ބަދަލުގައި އިތުރުކޮށް، ޑޯޖް ޓީމުން ކުރާ މަސައްކަތްތަކަށް ހުރަސް އަޅާ ކަމެއް،" މަސްކް ސީބީއެސް ސަންޑޭ މޯނިންގ އަށް ވިދާޅުވިއެވެ.
މި ބިލްގައި ރައީސް ޓްރަމްޕްގެ 2017 ވަނަ އަހަރުގެ ޓެކްސް ކުޑަކުރުންތައް އިތުރު މުއްދަތަކަށް ދަންމާލުމާއި، ކާބޯތަކެތީގެ އެހީއާއި މެޑިކް އެއިޑްއަށް މަސައްކަތް ކުރުމުގެ ޝަރުތުތައް އިތުރުކުރުން ހިމެނެއެވެ. އަދި އެމެރިކާ-މެކްސިކޯ ސަރަޙައްދުގައި ފާރެއް ބިނާކުރުމާއި، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) އަށް ފަންޑު އިތުރުކުރުންވެސް މި ބިލްގައި ހިމެނެއެވެ.
"ބޮޑު، ރީތި ބިލް" މިދިޔަ ހަފްތާގައި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ފާސްކޮށްފައިވާއިރު، ދެން މި ބިލާ މެދު މަޝްވަރާ ކުރާނީ ސެނެޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!