ކުޅުދުއްފުށި ސިޓީގައި އަލަށް ތަރައްޤީކުރާ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރ (ޓިވެޓް) ގައި މިއަދު ބިންގާ އަޅައިފިއެވެ.
މި ސެންޓަރ ގައި ބިންގާ އެޅުމަށްޓަކައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު، ޑރ ޢަލީ ޙައިދަރު އަޙްމަދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީއަށް ވަނީ ވަޑައިގަންނަވާފައިވާއިރު، މި ޓިވެޓް ސެންޓަރުގައި ރަސްމީކޮށް ބިންގާ އެޅުމުގެ ގޮތުން ވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މުއައްސަސާތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އާރުޑީސީއާއި ހަވާލުކޮށްގެން ކުޅުދުއްފުށީގައި ޤާއިމްކުރާ މި ސެންޓަރުގައި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 7 ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއަކާއި، އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީވެސް ގާއިމުކުރާނެއެވެ.
އަދި ދަރިވަރުންނަށް އެ ސިޓީގައި ފަސޭހަކަމާއެކު ގާއިމުވެ ތިބެވޭނޭ ދަނާލެއްވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިތަނުގައި ޝެއަރިންގ 32 ރޫމް ހުންނާނެހެން، ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަން އަދި ޑައިނިންގ އޭރިއާއަކާއި، ލޯންޑަރީ ފަދަ ޚިދުމަތްތަކުގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ އޭރިއާއަކާއެކު ޖިމަކާއި ނަމާދުކުރާނެ ތަނަކާއި ފާޚާނާއެއް ހަދައި، ލިފްޓް ވެސް ބަހައްޓަން ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ވަޒީރު ކުުޅުދުއްފުއްޓަށް ކުރި މި ދަތުރުފުޅުގައި ސިޓީގައި ނެޝަނަލް ކެރިއަރ ސަރވިސް ރީޖަނަލް ސެންޓަރެއް ރަސްމީކޮށް ވަނީ ހުޅުވައިދެއްވާފައެވެ.
ކުޅުދުއްފުއްޓަކީ އުތުރުގައި މަތީ ތައުލީމާއި ތަމްރީން ފޯރުކޮށްދޭ މަރުކަޒުތައް ގާއިމުކޮށްފައިވާ ސިޓީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!