ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އިންފިނިކާ އެކަޑެމީ ގުޅިގެން ކުރިއަށް ގެންދިޔަ ބޭސިކް ޕޮޓޯގްރަފީ ވޯކްޝޮޕް ނިންމާލައި، ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މުޅި ޖުމްލަ 26 ބައިވެރިންނާއެކު މި މަހު 21 އިން 24 އަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ އާދަމް ނާއިފް އެވެ. އަދި ނިންމުމުގެ ރަސްމިޔަތުގައި ނާއިފް ވަނީ ވޯކްޝޮޕްގެ ބައިވެރިން ދެއްކި ހުނަރާއި އުފެއްދުންތެރިކަން ފާހަގަކޮށް، ބައިވެރިން ވޯކްޝޮޕްގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތައް ދައްކާފައެވެ.
އެގޮތުން މި ވޯކްޝޮފުގައި ޕޮޓޯގްރަފީގެ ވައްތަރުތަކާއި، ލައިޓީންގެ މުހިންމުކަމައި، ކެމެރާ ގެންގުޅޭއިރު ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިތުރުން ފޮޓޯގްރަފީގެ އަސާސީ ގިން މަޢުލޫމާތުތަކެއް ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ.
އަދި ބޭސިކް ފޮޓޯގްރަފީ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރު ރިޟްވާން މުޙައްމަދު ވިދާޅުވެފައިވަނީ، މީހުން ބިނާކުރުމުގެ މިފަދަ ހަރަކާތްތައް ކުރިއަށް އޮތްތާވެސް ހިންގަން ނިންމާފައިވާކަމަށެވެ. އަދި ރަށުގެ އުމްރާނީ ތަރައްޤީއަށް މި ދައުރު ކައުންސިލުން ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައިވާކަމަށްވެސް މެމްބަރު ރިޟްވާން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވޯކްޝޮޕްގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 3 ބައިވެރިއަކު ވަނީ އެ ބައިވެރިންގެ ތަޖުރިބާ ހިއްސާކޮށް، ކުރު މުއްދަތެއްގެ ތެރޭގައި ފޮޓޯގްރަފީއާއި ގުޅޭ އަގުހުރި މަޢުލޫމާތުތަކެއް ލިބިގަތުމުގެ ފުރުޞަތު ލިބުންކަން ހާމަކޮށްދީފައެވެ.
ރަށުގެ ތަރައްޤީއަށްޓަކައި މީހުން ހަރުދަނާކޮށް މުޖުތަމަޢުގެ ތެރެއަށް މީހުން ނެރެ، މިފަދަ ވޯކްޝޮޕްތައް ބާއްވައި ރައްޔިތުންނަށް އުނގެނުމަށް ފުރުސަތުތައް ހުޅުވާލުމަށް ސިޓީ ކައުންސިލުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!