ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ ކޮމިޓީ) ތަކަށް ދޭ ގްރާންޓަށް ކުރިމަތިލުމަށް މިއަހަރު ހުޅުވާލި ފުރުސަތުގެ ތެރެއިން ޕްރޮޕޯސަލް ހުށަހެޅި އތމ ކޮމެޓީތަކުގެ ތެރެއިން މިއަރުގެ ގްރާންޓް ލިބޭ ދެ ކޮމެޓީ ހޮވައިފިއެވެ.
މި ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އަތޮޅު ކައުންސިލުގެ ބަޖެޓުން އތމ ކޮމިޓީތަކުން ޕްރޮޕޯސްކޮށްފައިވާ މަޝްރޫޢުތައް ހިންގުމަށެވެ.
ށ.އަތޮޅު ކައުންސިލުން ބުނިގޮތުގައި މި ފުރުސަތުގެ ދަށުން އެންމެ މަތިން ޕޮއިންޓް ލިބިގެން މި ގްރާންޓް މިއަހަރު ކާމިޔާބުކޮށްފައިވާ ދެ ކޮމިޓީއަކީ، ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންނާއި، ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އެވެ.
މީގެތެރެއިން 60 ޕޮއިންޓާއެކު އތމ ކޮމިޓީ ގްރާންޓް ކާމިޔާބުކޮށްފައިވާ ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ބޭސް ފިހާރައެއް ޤާއިމްކޮށް ހިންގުމަށެވެ.
އަދި 61 ޕޮއިންޓާއެކު އެންމެ މަތިން އތމ ކޮމިޓީ ގްރާން ކާމިޔާބުކޮށްފައިވާ ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އިންޑޯ ޖިމެއް ޤާއިމްކުރުމަށެވެ.
އަތޮޅު ކައުންސިލުގެ ބަޖެޓުން މިއިން ކޮންމެ ކޮމިޓީއަކަށް 100،000 (އެއްލައްކަ ރުފިޔާ) ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ށ.އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގަން އެ އަތޮޅު ކައުންސިލުން، ޖަމިއްޔާތަކަށް ދޫކުރާ 100000 (އެއްލައްކަ) ރުފިޔާގެ މިއަހަރުގެ ގްރާންޓް ދޭނެ ދެ ޖަމިއްޔާ ވެސް މިހާރު ވަނީ ހޮވާފައެވެ. އެއީ ފޯކައިދޫ "ބްލަޑް ބްރަދަރސް" އަދި ނަރުދޫ "ރަމްޒު ސްޕޯޓްސް އެކަޑަމީ" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!