ހއ އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ "ތިލައުތުރު އެވޯޑް 2025" އަށް ކުރިމަތިލެއްވުމަށް ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
ތިލައުތުރު އެވޯޑަކީ އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދްމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މި ނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއް އެ އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އެ އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އެ އަތޮޅަށް އެންމެ ޚިދްމަތްތެރި ރިޒޯޓާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކާއި، ކްލަބު ޖަމްޢިއްޔާތަކުގެ މަސައްކަތް ފާހަގަކޮށް އެފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ އަތޮޅު ކައުންސިލުން ދިނުމަށް ނިންމާފައިވާ އެވޯޑެކެވެ.
އެގޮތުން ހއ. އަތޮޅު ކައުންސިލުން ވިދާޅުވެފައިވަނީ މި އެވޯޑަށް ކުރިމަތިލެއްވުމުގެ ފުރުޞަތު މި ފަރާތްތަކަށް ހުޅުވާލެވިފައިވާކަމަށެވެ.
އަދި މި އެވޯޑު ދިނުމަށް ވަކި ދާއިރާތަކެއް ހަމަޖެހިފައިވާއިރު މީގެ ތެރޭގައި ހިމެނޭ ދާއިރާ ތަކަކީ:
- ތިލައުތުރު ޝަރަފުވެރިކަމުގެ އެވޯޑް
- ތިލައުތުރު ހިތްވަރުދިނުމުގެ އެވޯޑް
- ތިލަ އުތުރު ޚާއްޞަ އެވޯޑް
- ތިލައުތުރު މަތީ ދަރަޖަ އެވޯޑް
- ތިލައުތުރު ޚާއްޞަ ޚިދުމަތުގެ އެވޯޑް
- ތިލައުތުރު ހިންގުންތެރިކަމުގެ އެވޯޑް
އެހެންކަމުން، މި އެވޯޑަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖޫން 2025 ވާ ހޯމަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވައި ކައުންސިލަށް ނަން ހުށަހެޅުއްވުމަށް އިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުރުން އަތޮޅު ކައުންސިލުން ވިދާޅުވެފައިވަނީ ތިލައުތުރު އެވޯޑް ދިނުމުގެ އުޞޫލާއި އެވޯޑް އިވެލުއޭޝަން ފޯމާއި އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅާންޖެހޭ އެޕްލިކޭޝަން ފޯމް އަތޮޅު ކައުންސިލާއި އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުން ލިބިވަޑައިގަންނަވާނެކަމަށެވެ.
އަދި ތިލައުތުރު އެވޯޑާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1658 އަށް ގުޅުއްވުމަށް އަތޮޅު ކައުންސިލުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!