ދިވެހިރާއްޖެ އާއި ބްރޫނާއީ އާ ދެމެދު ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނިގޮތުގައި މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާ ބްރޫނާއީގެ ސިއްހީ ދާއިރާގެ ޓެކްނިކަލް އިސްބޭފުޅުންގެ ޓީމަކާއި، އެ މިނިސްޓްރީ އާއި ދެމެދު ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މިއަދު ވަނީ މަޝްވަރާ ކޮށްފައެވެ.

Ad
rt

ހެލްތު މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ ސިއްހީ ދާއިރާގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ. ބްރޫނާއީގެ ޓީމުގައި ހިމެނެނީ އެ ޤައުމުގެ ޕްރައިމަރީ ހެލްތުކެއަރގެ ޗީފް ކްލިނިކަލް ސްޕެޝަލިޓީ ސާވިސްގެ މަންދޫބުންނެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިންމު ބައެއް ކަންކަމުގެ ތެރޭގައި ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ހަރުދަނާ ކުރުމާއި، ހަކުރު ބައްޔާއި ނަފްސާނީ ބަލިތަކަށް ޚާއްޞަކޮށްގެން ނަރުހުން ތަމްރީން ކުރުމާއި، ކެންސަރަށް ފަރުވާ ދިނުމުގެ ޚިދުމަތްތައް ތަރައްޤީކުރުމުގައި އެހީތެރިކަން ހޯދުން ހިމެނެއެވެ. މީގެ އިތުރުިތުރުން، މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަށް ބްރޫނާއީގައި އިންޓަރންޝިޕް ހެދުމުގެ ފުރުޞަތު ހޯދުމާއި، ޕަބްލިކް ހެލްތާ ގުޅުންހުރި މޯބައިލް އެޕްލިކޭޝަންތައް ތައްޔާރުކުރުމުގެ ތަޖުރިބާ ހިއްސާކުރުމާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.

ބައްދަލުވުމުގައި އިތުރަށް މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލު ހުއްޓުވުމަށް އެހީތެރިވެދޭ ކްލިނިކްތައް ހިންގުމުގެ ސްޓްރެޓެޖީތަކާއި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުން ހިމެނެއެވެ.

މި ޒިޔާރަތުގައި ބްރޫނާއީގެ ޓީމުން ވަނީ މާލޭގައި ސިއްޙީ ޚިދުމަތްދޭ މުހިންމު ތަންތަނަށް ޒިޔާރަތްކޮށްފައެވެ. މީގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަމަނަވެށި ހިމެނެއެވެ. އަދި ރާއްޖޭގެ ހެލްތްކެއަރ އިންފްރާސްޓްރަކްޗަރ އާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ކަންކަންވެސް ވަނީ ބައްލަވާލައްވާފައެވެ.

މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި ސިއްޙީ ދާއިރާގެ އެއްބާރުލުން އިތުރުކޮށް، ތަޖުރިބާ ހިއްސާކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައި ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ.