ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ޚަބަރު ޗެނަލް، ޕީއެސްއެމް ނިއުސްގެ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު، ޕީއެސްއެމް ނިއުސްގެ އެސިސްޓެންޓް ޖާނަލިސްޓް ރާއިފް އަޙްމަދު ރާޟީއަށް ލިބިއްޖެއެވެ.
ޒުވާން ރާއިފް އަކީ، ނޫސްވެރިކަމާއި، އަދަބިއްޔާތާއި ދިވެހި ބަހުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކެއް އެރަށަކަށް ނިސްބަތްވާ ހދ. މަކުނުދޫ އަށް ނިސްބަތްވާ ހުނަރުވެރި ނޫސްވެރިއެކެވެ.
ރާއިފްގެ މި ކާމިޔާބަށް މަކުނުދޫ ކައުންސިލުން ވަނީ މަރުޙަބާ ކިޔާފައެވެ.
''ޕީއެސްއެމް ނިއުސް އެވޯޑް 2025 ގެ ބެސްޓް ޖާނަލިސްޓް އެވޯޑް ހާޞިލުކޮށްފައިވާތީ ހދ.މަކުނުދޫ، ހަތްކޮޅު، ރާއިފް އަޙްމަދު ރާޟީއަށް މަކުނުދޫ ކައުންސިލާއި، މަކުނުދޫ ރައްޔިތުންގެ ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން'' މަކުނުދޫ ކައުންސިލުން ބުނެފަވެއެވެ.
ޕީއެސްއެމްގެ އަހަރީ އެވޯޑު ޙަފްލާ ބާއްވާފައި ވަނީ ރޭގައެވެ. އިއްޔެއަކީ ބައިނަލް އަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސްވެސް މެއެވެ.
އިތުރު ދެ އެވޯޑާއެކު ޕީއެސްއެމްގެ އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް މުޢާޛު
ޕީއެސްއެމްގެ އަހަރީ އެވޯޑު 2025 ގައި އަހަރުގެ އެންމެ މޮޅު މުވައްޒަފުގެ އެވޯޑާއި، ބެސްޓް ނިއުސް ޕްރެޒެންޓަރ ގެ އެވޯޑާއި އަދި ބެސްޓް އެޑިޓަރގެ އެވޯޑު ލިބުނީ ވެސް ބޮޑު ތިލަދުންމަތީގެ ހއ. ދިއްދޫ އަށް ނިސްބަތްވާ ނޫސްވެރިއަކަށެވެ. އެއީ، ޕީއެސްއެމްގެ ސީނިއަރ ނިއުސް އެޑިޓަރ ޢަބްދުﷲ މުޢާޛު އެވެ.
މި އެވޯޑު ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަދި ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިކަމާއި ދިވެހި ބަހުގެ ދާއިރާއަށް ޚިދުމަތްކުރައްވާފައިވާ ޢައްބާސް އިބްރާހިމެވެ. މި ޙަފްލާގެ ޚާއްސަ މެހެމާނަކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!