ފެނުއަޑީގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައިގެން އުރީދޫ މޯލްޑިވްސްއިން ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

އުރީދޫއިން މިހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ބ. ފުޅަދޫ ކައިރިން ކަނޑު އަޑީގައެވެ. މި ހަރަކާތުގައި 20 މީހަކު ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން ޕެނަލިސްޓުންގެ ތެރޭގައި ހަރަކާތްތެރިވި ފަސް މީހުން ވަނީ ގިނިސް ވޯލްޑް ރިކޯޑް ހެދުމުގެ ގޮތުން ކޮންމެ މީހަކު ވެސް ދެ މިނެޓަށް ވުރެ ގިނައިރު ކަނޑުއަޑީގައި ވާހަކަ ދައްކައިފަ އެވެ.

Ad
rt

މި ހަރަކާތުގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވީ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ، އެމްއެންޑީއެފް އިން ބްރިގޭޑިއާ ޖެނަރަލް މުހައްމަދު ސަލީމް، އުރީދޫގެ އޮޕަރޭޝަންސް ޑިރެކްޓަރު ޝަބީން އަލީ އަދި އުރީދޫގެ ޓްރާންސްމިޝަން، ސީނިއާ މެނޭޖަރު އަފްޝީން މުހައްމަދު އެވެ.

އުރީދޫ މޯލްޑިވްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ކާމިޔާބީއަކީ ތާރީޚީ ކާމިޔާބީއެއް ކަމަށެވެ. އަދި މި ކާމިޔާބީން ދައްކުވައިދެނީ އުރީދޫން އީޖާދީ މަސައްކަތްތަކަށް އިސްކަންދޭ މިންވަރުގެ އިތުރުން، ފެނު އަޑީގައި ވިޔަސް ފޯރުކޮށްދޭ ޚިދުމަތުގެ ރަނގަޅުކަން ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މި ޕެނަލް ޑިސްކަޝަން ބޭއްވުމުން ލިބުނު ގިނެސް ރެކޯޑްގެ ފިލާ އުރީދޫގެ ފަރާތުން ހަވާލުވެވަޑައިގަތީ ކުންފުނީގެ ސީއީއޯ ޚާލިދު އަލް ހަމާދީއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް މި ކާމިޔާބީއާ ގުޅޭ ގޮތުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއީ ގުދުރަތީ ރީތިކަމާއި އީޖާދީ މަސައްކަތް ގުޅުވައިދިން ކަމެއް ކަމަށެވެ. އަދި މި މަސައްކަތުގެ ބޭނުމަކީ ހަމައެކަނި ރެކޯޑެއް ހާސިލުކުރުން ނޫން ކަމަށާއި، އެއީ ޓެކްނޮލޮޖީއާއި ކަމަކަށް އޮންނަ ޝައުގާއި އަމާޒު އެއްކޮށްލުމުން ހޯދޭނެ ކާމިޔާބީ ދައްކުވައިދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ކާމިޔާބީއަކީ އުރީދޫ މޯލްޑިވްސްއަށް ލިބުނު ފަޚުރުވެރި ކާމިޔާބެއްގެ އިތުރަށް ރާއްޖެއަށް ވެސް ލިބިގެންދިޔަ ރީތި ނަމެކެވެ. މިއީ ކުންފުނިން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކަން ދައްކުވައިދޭ ކަމެއްވެސް މެއެވެ. އަދި މިފަދަ އީޖާދީ މަސައްކަތްތަކުން ރާއްޖޭގެ މުވާސަލާތީ ދާއިރާ އިތުރަށް ކުރިއަރުވައި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ނަން މަތިވެރިކުރުމަށް މަގުފަހިވެގެންދާނެއެވެ.