ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް %83 އަށް ނިމިއްޖެކަމަށް ކޮންޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުން، ކުޅުދުއްފުށީގެ މަގުތައް ތަރައްޤީ ކުރުމުގެ ދެވަނަ ފޭސްގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓްކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. އަދި މިހާތަނަށް ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ރަށުގެ އަމީނީމަގު ހިމެނޭހެން 13 ބޮޑު މަގެއް ޒަމާނީ ފެންވަރަށް ފެތޭނެހެން ތަރައްޤީކޮށްފައިވެއެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން މިވަގުތު ރަށުގެ އެދުރުކަލޭފާނު މަގުގެ ދުވާރުގެ މަސައްކަތް ނިންމުމަށް ފަށާފައިވާކަމަށް ކޮންޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ދެކަފި ހުރަސް ކުރެހުމާއި، މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރުމުގެ އިތުރުން ބައެއް މަގުތަކުގައި ލައިޓް ހަރުކޮށް ޕޭމަންޓްގެ މަސައްކަތާއި ސައިން ބޯޑު ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.

އާރުޑީސީއިން ބުނެފައި ވަނީ ރަށުގެ އާބާދީ ބޮޑުވުމުގެ ސަބަބުން މަގުތަކުގެ ބޭނުން ކުރަންޖެހޭވަރު ގިނަވުމާއި ގުޅިގެން ރަށުގެ ރައްޔިތުން ބޭނުންވާ ސްޕީޑްގައި މަގުތައް ހެދެމުން ނުދާކަމަށެވެ. މިކަމުގެ ސަބަބުން 2 އަހަރުގެ މުއްދަތެއްގެ ތެރޭގައި މި މަޝްރޫއު ނިންމުމަށް އެއްބަސްވުމުގައި އޮތަސް، މަސައްކަތަށް ކުރިއަށް ދާންވީ ވަރަށް މަސައްކަތް ކުރިއަކަށް ނުދެއެވެ.

މި މަޝްރޫޢުގެ އަގަކީ މުޅި ޖުމްލަ 100،700،048.55 ރުފިޔާއެވެ.