ތިލަދުންމަތީގެ 9 ރަށަކުން ވާދަކުރާ "މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމަންޓް 2025" އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ.

މި މުބާރާތް އިންތިޒާމްކޮށް ހިންގަނީ، ހއ.މުރައިދޫގައި ހިންގަމުން އަންނަ އެކަޑަމީއެއް ކަމަށްވާ "ނިޔާ އެކަޑަމީ" އިން ނެވެ. މުރައިދޫގައި ބާއްވާ މި މުބާރާތުގައި މުރައިދޫގެ އިތުރުން ވާދަކުރަނީ އިންތިޒާމްކުރާ ފަރާތުން އިންވައިޓް ކޮށްފައިވާ 8 ރަށަކުންނެވެ. އެ ރަށްތަކަކީ ހއ.ބާރަށް، ހއ.ކެލާ، ހއ.އުތީމް، ހއ.ވަށަފަރު، ހއ.ފިއްލަދޫ، ހއ.ދިއްދޫ އަދި ހދ.ފިނޭގެ އިތުރުން ހދ.ހަނިމާދޫއެވެ. މި މުބާރާތް ހާއްސަކޮށްފައި ވަނީ 35 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ.

Ad
rt

މި މުބާރާތުގައި ވާދަކުރާ ޓީމްތައް، މެޗު ކުޅޭދުވަހު މުރައިދޫގައި ތިބުމުގެ އިންތިޒާމާއި ކޫލްބޮކްސްގެ ހިދުމަތް އިންތިޒާމްކުރާ ފަރާތުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޫލްބޮކްސްގައި ޓީމަށް ބޭނުންވާ ފެނާއި ޖޫސްގެ އިތުރުން އައިސް ހިމެނޭނެއެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކުރީގެ ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިންނަށް، ވާދަވެރި އަދި އެކުވެރި މާހައުލެއްގައި ހުނަރުވެރިކަން ދައްކާލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމާއި، ތިލަދުންމަތީގެ ވެޓަރަންސް ކުޅުންތެރިން އެއްތަނަކުން ބައްދަލުވެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި އިޖުތިމާއީ ރޫހު ވަރުގަދަ ކުރުމެވެ. އެ އުމުރުފުރާގެ ފަރާތްތައް ދުޅަހެޔޮ ފުރިހަމަ ސިއްހަތެއްގައި ތިބުމަށް ހިތްވަރު ދިނުމަކީ ވެސް މި މުބާރާތުގެ މަގުސަދެކެވެ.

ނިޔާ އެކަޑަމީއަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވާފައިވާ އެކަޑަމީއެކެވެ. އެ އެކަޑަމީއަކީ އެރަށުގެ ކުދިންނަށް ފުރިހަމަ އަޚުލާގުގެ ތެރެއިން ކުޅިވަރުގެ ހުނަރުތަށް ދަސްކޮށްދެމުންގެންދާ ވަރަށް ހަރުދަނާ އުސޫލުތަކަކާއި އެކު ހިންގަމުން އަންނަ އެކަޑަމީއެކެވެ. އެ އެކަޑަމީން މީގެ ކުރިންވެސް ވަނީ ތަފާތު މުބާރާތްތައް އިންތިޒާމްކޮށް ހިންގާފައެވެ.