ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހާވާލުކޮށްފައިވާ މަޝްރޫޢުގެ މަސަައްކަތް އެއްކޮށް ނިމިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އާރުޑީސީއިން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން ކުރިޔަށް ގެންދެވުނު މަސައްކަތްތަކުގެ ތެރޭގައި މިލަންދޫގެ 9 މަގަކާއި 2 ގޯޅިއެއް ހިމެނޭހެން މުޅި ޖުމްލަ 6،3 ކިލޯ މީޓަރުގެ ތާރު އަޅާފައިވާ ކަމަށެވެ.

Ad
rt

މިލަންދޫގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ މަގުތަކަކީ ފެންވަރު ރަނގަޅު، ހިތްގައިމުކޮށް ފަރުމާކޮށްގެން ތަރައްޤީކޮށްފައިވާ ހިތްފަސޭހަ މަގުތަކެއްކަމާއި މި މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވިފައިވަނީ މިލަންދޫ ރައްޔިތުންނާއި ރަށު ކައުންސިލާއި ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމުގެ ސަަބަބުންކަމަށް އާރުޑީސީއިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މި މަޝްރޫޢުގައި އާރުޑީސީގެ މުވައްޒަފުންގެ ގޮތުގައި މިލަންދޫއަށް ނިސްބަތްވާ ފަންސާހަށް ވުރެއް ގިނަ މުވައްޒަފުން ވަނީ މަސައްކަތްކޮށްފައެވެ. އެހެންކަމުން މި ކުންފުނިން ވަނީ މެނޭޖްމަންޓާއި މުވައްޒަފުންގެ ހިތްވަރާއި ބުރަ މަސައްކަތް ބަލައިގަނެ، ހާއްސަ ޝުކުރެއް މި މުވައްޒަފުންނަށް އަދާކޮށްފައެވެ.

މި މަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން މުޅި ޖުމްލަ 156،477،632.23 ރުފިިޔާ ވަނީ ޚަރަދުކޮށްފައެވެ.