ގަސް މުށްޓެއްގެ ތެރޭގައި ފޮރުވައިގެން ހދ. ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އުމުރަށް ޖަލަށްލާން އެރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
ފެބްރުއަރީ, 2022 ގައި ކުޅުދުއްފުށްޓަށް ދިޔަ ބޯޓެއްގައި ގެންދިޔަ ފޮށިގަނޑެއްގައި ހުރި ގަސްމުށްޓެއްގެ ތެރޭގައި އިންދާފައި އިން ގަހެއްގެ މޫގަނޑުގައި ހަރުކޮށްގެން 51 ގްރާމްގެ ޑައިމޯފިން އެތެރެކުރި މައްސަލާގައި ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާކުރީ މ. މުލީ މީހެއްގެ މައްޗަށެވެ. ނަމަވެސް އެ މީހާ އެ ދައުވާއަށް އިންކާރުކޮށް, ކޯޓުގައި ބުނެފައިވަނީ އެ ފޮށިގަނޑާ ހަވާލުވާން ދިޔައީ އޭނާގެ އޭރުގެ އަނބިމީހާ ބުނެގެން ކަމަށެވެ.
އެ މައްސަލާގައި މިދިޔަ ހަފުތާގައި އެރަށު ކޯޓުން ކުރި ހުކުމުގައިވަނީ މަސްތުވާތަކެތި ފެނުނު ފޮށިގަނޑު ބޯޓަށް ބަލައި ގޮސްފައިވަނީ ދައުވާ ލިބޭ މީހާކަން ސާބިތުވާ ކަމަށާއި ފުލުހުން އޭނާ ހުއްޓުވިއިރު އެ ފޮށިގަނޑު އޮތީ އޭނާގެ އަތުގައިކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
ހުކުމްގައި ބުނީ މި މައްސަލާގައި އޭނާގެ އަމަލުތައް ހުރި ގޮތަށާއި ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން، އޭނާ ބޯޓުން ފޭބި ވަގުތު ހުއްޓުވައި ބަލައި ފާސްކުރުމުން ކުރިއާލައި ލިބުނު މައުލޫމާތާ ދިމާވާ ކަމަށެވެ. އަދި އޭނާގެ އަތުގައި ހުރި ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް އެނގޭ ކަމަށް ވެސް ގަބޫލު ކުރެވޭ ކަމަށް ހުކުމްގައިވެ އެވެ.
އެހެންވެ، އޭނާގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 25 އަހަރަށް ޖަލަށްލުމާއެކު, 100،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!