"ނޮވެލް ކޮރޯނާ ވައިރަސް" އިން ރައްކާތެރިވުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ރާއްޖެއިން ވެފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ. އެކަން ހާމަކުރައްވާފައިވަނީ “ނޮވެލް ކޮރޯނާ ވައިރަސް” އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ޓޫރިޒަމް ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރޭ ބޭއްވެވި ޕްރެސް ކޮންފަރަންސް އެއްގައެވެ.
އެ ޕްރެސްކޮންފަރަންސްގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމާއިއެކު، އެންމެ އިސްކަމެއް ދެއްވައިގެން މިވަގުތު ސަރުކާރުން ކުރައްވާ ކަމަކީ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވިއެވެ.
ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ އެއަރޕޯޓްތަކުގައި އެބަލިން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތައް މިހާރު އަޅާފައިވާކަމަށާއި، އެގޮތުން އެބައްޔަށް ޝައްކުކުރެވޭ ހިސާބުން ފެށިގެން އެކަމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ ގައިޑްލައިންތައް މިހާރު އެކުލަވާލެވި، ފްރޮންޓްލައިން ސްޓާފުން ތައްޔާރުކުރެވެމުންދާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
އެމަސައްކަތުގައި ބޭނުންކުރަންޖެހިއްޖެ އެންމެހާ އާލާތްތަކާއި މާސްކުފަދަ ތަކެތި ރާއްޖެ އެތެރެކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށާއި، އެކަމަށްޓަކައި އެސްޓީއޯގެ އިތުރުން އެހެން ކުންފުނިތައް މެދުވެރިކޮށް ކުރަންޖެހޭ ކަންކަންވެސް ކުރަމުންދާކަމުގައި މިނިސްޓަރު އަމީން ވިދާޅުވިއެވެ. އޭގެ އިތުރުން އައިސޮލޭޝަން ފެސިލިޓީއެއް މިހާރުވެސް ޤާއިމްކުރެވި މިހާރުން މިހާރަށް ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސިފައިވުމުގެ އިތުރުން، އެފަދަ އެހެން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް ފުނަދޫގައިވެސް ތައްޔާރީތައް ވެފައިވާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެބަލިން ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް އަޅަމުންގެންދަނީ ޑަބްލިއުއެޗްއޯގެ ލަފަޔާއި، މަޝަވަރަޔާއާއި، އިރުޝާދުގެ ދަށުން ކަމުގައި ހެލްތު މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިނިސްޓަރު އަމީންގެ ވާހަކަފުޅުގައި، ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން މިހާރަށްވުރެވެސް ބޮޑަށް މައުލޫމާތުތައް އާއްމުންނާއި ހަމައަށް ގެނެސްދެމުންދާނެކަމުގެ ޔަޤީންކަންދެއްވައި، ކޮންމެ ފަރުދަކުވެސް ބަލިން ރައްކާތެރިވުމަށް ފަރުދީގޮތުން ކުރަންޖެހޭ ކަންކަމަށް އިސްކަންދިނުމަށް އިލްތިމާސް ކުރެއްވިއެވެ.
ރޭ ރައީސް އޮފީހުގައި އޮތް އެ ޕްރެސްކޮންފަރެންސަގައި މަޢުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަޙީދުގެ ވިދާޅުވީ، އެބަލި ރާއްޖޭގެ ފެތުރުމާއި މެދު ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުން ސަރުކާރަށް އިޙުސާސްކުރެވޭ ކަމަށާއި، އެކަމުގައި ސަރުކާރުން އެއްވެސް ކަމެއް ސިއްރުނުކުރާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. އަދި ސަރުކާރަށް އެންމެ މުހިއްމު ވާނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަމަށާއި އިޤްތިޞާދުވެސް އަންނާނީ އޭގެ ފަހުގައި ކަމަށް މިނިސްޓަރު ޢަލީ ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުގެ ހުރިހާ މަސްލަހަތުވެރިން ހިމެނޭގޮތަށް ޓޫރިޒަމްގައިވެސް ޓާސްކްފޯހެއް އެކުލަވާލެވިފައިވާކަން ހާމަކުރައްވައި، ޓޫރިޒަމްގެ ހާލަތު މޮނިޓަރު ކުރުމަށް ޔުނިޓެއް އެކުލަވާލެވި، އެޗް.ޕީ.އޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ރާއްޖޭގެ ޓޫރިސްޓް ފެސިލިޓީތަކަށް އެ ގައިޑްލައިން ފޮނުވި، އެބައްޔަށް ޝައްކުކުރެވޭފަދަ ހާލަތެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ އުސޫލުތައް ބުނެދެވިފައިވާނެކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިނިސްޓަރު އަލީ ވަޙީދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!