މިހާތަނަށް ތާއީދު ހޯދަން ދިޔަ ދެ ފަހަރުވެސް ރައްޔިތުންވަނީ ބޮޑު ތަނުން ތާއީދު ކޮށްފައިކަމަށާއި، ފަތުރާފައިވަނީ ފޭކު ޚަބަރެއްކަމަށް ތިމަރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަބުދު ﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

"ކާނަލް ނާޒިމާއި އަބްދުﷲ ރިޔާޒު ސިޔާސީ ޕާޓީ އެއް އުފައްދަން އުޅެ ފެއިލް ވެއްޖެ!" މި ސުރުޚީގެ ދަށުން އޮންލައިން ނޫސް ހާމަ.އެމްވީ އިން ގެނެސްދީފައިވާ ޚަބަރެއް ހިއްސާ ކުރައްވައި، ރިޔާޒު ވަނީ އެއީ ދޮގު ޚަބަރެއް ކަމަށް ވިދާޅުވެފައެވެ.

Ad
rt

ރިޔާޒު ވިދާޅުވީ ޚަބަރު ލިޔާއިރު ރައްދުވާ ފަރާތުގެ ބަހެއް ނުހިމަނައި، ޚަބަރު ލިޔެފައި އޮތުމުން ބަޔަކު ބޭނުންވާ ޚަބަރެއް ފަތުރަނީ ކަމަށް ޤަބޫލު ކުރެއްވޭ ކަމަށެވެ.

ރައްޔިތުން ކައިރިއަށް ދެ ފަހަރު ގޮސް އިންތިޚާބުގައި ބޮޑު ތަނުން ކާމިޔާބު ހޯދައިގެން މިހާރުވެސް ދެމި ހުރީ ޤައުމީ ޚިދުމަތުގައި ކަމަށްވެސް ރިޔާޒު ވިދާޅުވެފައި ވެއެވެ.

ރިޔާޒު އެ ޚަބަރު ދޮގު ކުރައްވައި ރައްދު ދެއްވި އިރު އެ ޚަބަރުގައި، ޚަބަރު ގެނެސްދިން ނޫހަށް މަޢުލޫމާތު ދެއްވި ބޭފުޅަކާއި ހަވާލާދީ " ސިޔާސީ ޕާޓީ އުފައްދަން ނާޒިމް އަދި ރިޔާޒަށް ފާޅުގައި ރައްޔިތުން ކައިރި އަށް ދާކަށް ނުކެރުނު ކަމަށް " ލިޔެފައިވެއެވެ.

ރިޔާޒު ވިދާޅުވީ މިހާތަނަށް ރައްޔިތުންގެ ތާއީދު ހޯދަން ދިޔަ ދެ ފަހަރުވެސް ބޮޑު ތާއީދާއި އެކު ރައްޔިތުންވަނީ އިންތިޚާބު ކޮށްދީފައި ކަމަށެވެ. ކުރިންވެސް ކުރިއަށް އޮތް ތަނުގައިވެސް ކަންކަމާއި ކުރިމަތިލާނީ ކެރިގެން ކަމަށް ރިޔާޒު ވިދާޅުވިއެވެ.