ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގައި ކުޅުދުއްފުށި ސިޓީގެ ރަސްމީފާލަން ތަރައްޤީކުރުމުގެ މަސައްކަތް ވޭވްލެންތް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ.
ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މި ފާލަން ތަރައްޤީކުރުމަށް ފަރުމާކުރެވިފައިވަނީ ހިޔާގަނޑަކާއިއެކު ފާލަމުގެ ތިންފަރާތުން ލޯންޗްފަހަރަށް ފަސޭހަކަމާއެެކު ގާތްކޮށް، އަރާފޭބުމަށް ފަސޭހަވާނެހެންނެވެ.
އެގޮތުން މި ފާލަމަކީ ރަސްމީ ހައިސިއްޔަތުން ރަށަށް ވަޑައިގަންނަވާ އިއްޒަތްތެރީންނާއި، ރަށުގައި ހިންގާ ހާއްސަ ހަރަކާތްތަކަށް ދައުވަތު އެރުވިގެން ރަށަށް ވަޑައިގަންނަވާ ހާއްސަ މެހެމާނުންނަށް މަރުހަބާ ދެންނެވުމަށް ހާއްސަ ކުރެވޭ ފާލަމެކެވެ.
ކުޅުދުއްފުށީ ރަސްމީފާލަން ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ސިޓީ ކައުންސިލް
މީގެ އިތުރުން މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ފާލަން ބޭނުން ކުރުމުގެ އުސޫލެއް އެކުލަވާލައި ތަންފީޒުކުރެވޭނެކަމަށްވެސް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
މި އެއްބަސްވުމުގެ ދަށުން 240 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭއިރު، 09 އޭޕްރީލް 2025 ވީ ބުދަ ދުވަހު ވަނީ މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފަށާފައެވެ. މަސައްކަތުގެ އަގަކީ މުޅި ޖުމްލަ 3،905،015.00 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!