ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް" ތަރައްގީކުރަން ނިންމާފައި ވަނީ ކ.ގިރާވަރު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް ވަޒީރު އަޙްމަދު ސިއްދީޤު ވިދާޅުވެއްޖެއެވެ.

ސިއްދީގު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅޫވީ، ހޯޕް އައިލެންޑް އާ ބެހޭގޮތުން، ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި މިމަހުގެ 23 ވަނަ ދުވަހު އޭނާ ދެއްކެވި ވާހަކާގައި ހޯޕް އައިލެންޑް ތަރައްޤީ ކުރަނީ "ގިރާވަރު" ފަޅުގައި ކަމަށް ބުނެވި ފައިވަނީ އޮޅުމަކުން ކަމަށެވެ.

Ad
rt

''ރަނގަޅުގޮތަކީ ކ.ގިރާވަރު އުތުރުފަޅު (އުތުރުތިލަފަޅު) ކަމުގައި ދަންނަވަމެވެ. މި ފުރުޞަތުގައި އަޅުގަނޑު ދެއްކި ވާހަކައިގެ ސަބަބުން އޮޅުން އެރި ފަރާތްތަކުގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ.'' ސިއްދީގް ވިދާޅުވެފަވެއެވެ.

''ހޯޕް އައިލެންޑް'' ތަރައްގީކުރަން ނިންމާފައި ވަނީ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ރިހިބިލިޓޭޓުކޮށް އެކުދިން އަނބުރާ މުޖުތަމައުއަށް ނެރުމަށް މަސައްކަތް ކުރުމަށެވެ.

ޕީއެސްއެމްގެ ޕްރޮގްރާމްގައި މި މަޝްރޫޢުގެ ތަފްސީލް ދެއްވަމުން ސިއްދީގް ވިދާޅުވެފައި ވަނީ އެތަން ތަރައްޤީކުރަނީ ކުދިންނަށް ކިޔަވައިދޭނެ ސްކޫލާއި ސިއްޙީ ޚިދުމަތް ދޭނެ ތަންތަނާވެސް އެކުގައި ކަމަށެވެ.

އެތަން 700 އެއްހާ މީހުންގެ ޖާގައަށް ޚާއްސަކޮށްގެން ތަރައްޤީކުރަން ނިންމާފައިވާއިރު، އެތަނުގައި މުދައްރިސުންނާއި ފުލުހުންގެ އިތުރަށް ކުޅިވަރުތައް ކުޅޭއިރު ބޭނުންވާ އިންސްޓްރަކްޓަރުންނަށް ބޭނުންވާނެ ވަޞީލަތްތައް ގާއިމުކުރަން ވެސް ވަނީ ނިންމާފައެވެ.