ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން މީހަކު އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު އަމުރަށް ފައިސާތަކަކާއެކު ދޫކޮށްލުމުން، އެފައިސާ ހިފައިގެން ޝަމްޢާން ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ތަހްގީގަށް އިނގިފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީން އަތުން ނާޖާއިޒް މަންފާ ހޯދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިހާތަނަށް ބެލިބެލުމުން އެނގުނު ބައެއްކަންކަން ހާމަކޮށްފައެވެ.
މިގޮތުން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ޑިޓެއިންކުރަން އާންމުކޮށް ހަރަކާތްތެރިވާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖްމަންޓު ސެކްޝަން ނޫން، އެެހެެން ސެކްޝަންތަކެއްގައި އުޅޭ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ޑިޓެންޝަނަށް ގެންދިޔަ ބިދޭސީންގެ އަތުގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ހުރިކަމަށް ފުލުހުން ބުނެފަވެއެވެ.
މި ކަން ހިނގިތާ އެއްދުވަސް ފަހުން ކުރީގެ ކޮންޓްރޯލަރ ޝަމްއާންގެ އަމުރަށް 530،000 ރުފިޔާއާއެކު ޑިޓެންޝަނުގައި ހުރި ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ދޫކޮށްލިކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފަވެއެވެ.
އެމީހުން ދޫކޮށްލުމުން އެމީހާ ހައްޔަރުކުރި ގެ ބަލައި ފާސްކުރަން އަމަލީގޮތުން އުޅުނު އިމިގްރޭޝަން މުވައްޒަފުން، އެ ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، ބިދޭސީ އަތުގައި ހުރި ފައިސާތައް ހޯދައި، އެ ފައިސާތައް ހިފައިގެން 21 މާރިޗް 2025 ވަނަ ދުވަހާއި ހަމައަށް އޭރު ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމު އަދާކުރަމުންދިޔަ މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ވެސް ތަހްގީގަށް އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހުއްޓުވައި ބަލައި ފާސްކޮށް އެ މީހުންގެ އަތުގައި ހުރި އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!