ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޓާޝީއަރީ އެކްސްޕެންޝަން ޕްލޭން އެ ހޮސްޕިޓަލްގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ހިއްސާކޮށްފިއެވެ.
މިކަމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް އަށް، ކުޅުދުއްފުށީ ސިޓީ ހޮސްޕިޓަލުގެ ޗީފް އެގްޒެޓިވް އޮފިސަރ އަލްފާޞިލް ނާޒިމާ އަލީ ވަނީ ޓާޝިއަރީ އެކްސްޕެންޝަން ޕްލޭނެއް ހުށަހަޅުއްވާފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަދި ކައުންސިލްގެ މެމްބަރުންގެ އިތުރުން ކޭއާރުއެޗުގެ އިސް ބޭފުޅުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގެ އޮފިޝަލަކު "ތިލަދުން" އަށް މައުލޫމާތު ދިން ގޮތުގައި މި މަޝްވަރާ ބައްދަލުވުމުގައި ބޮޑަށް އަލި އަޅުވާލާފައިވަނީ، ދެ ފޭސް އަކަށް ބަހާލައިގެން ހޮސްޕިޓަލުގެ އިންފްރާސްޓްރަކްޗަރ ފުޅާކޮށް، ފޯރުކޮށްދޭ ސިއްޙީ ފަރުވާގެ ޙިދުމަތްތަށް އިތުރަށް ފުރިހަމަ ކުރުމުގެ މައްޗަށެވެ. އެގޮތުން މަދުވެގެން ތިން ސަބް ސްޕެޝިއަލިސްޓެއް ހޮސްޕިޓަލުގައި ފަރުވާދޭ ގޮތަށް ހަމަޖައްސައި، ޕްރައިވެޓް ކޮޓަރިތަކާއި ވާރޑް ތަކާއި އެނދު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ކޭއާރުއެޗުން މައުލޫމާތު ދެއްވިއެވެ.
މީގެ އިތުރުން މަސައްކަތުގެ ފަންޑިންގް ހަމަޖެހުނުހާ އަވަހަކަށް މި ކަމުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މި މަޝްރޫޢުގެ މަސައްކަތްތަށް އިސްނަގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެލްތް މިނިސްޓްރީ ފަރާތުންނެވެ.
ސިޓީތަކުގައި ޓާޝިއަރީ ފެންވަރަށް ހޮސްޕިޓަލްތަށް ތަރައްޤީކޮށް، ސިއްޙީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ވައުދުފުޅުތަކުގެ ތެރެއިން ވައުދުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!