ކްލައުޑް ސެކިއުރިޓީގެ ދާއިރާގައި ކުރިއަރާފައިވާ ކުންފުންޏެއް ކަމަށްވާ "ވިޒް" 32 ބިލިއަން ޑޮލަރަށް ގޫގުލްއިން ގަތުމަށް އެއްބަސްވެއްޖެއެވެ. މި މުޢާމަލާތަކީ ފައިސާއިން އަގު އަދާކުރާ ގޮތަށް ކުރިއަށްގެންދާ މުޢާމަލާތެކެވެ. މި މުޢާމަލާތް ނިމުމުން ވިޒް ބަދަލުވާނީ ގޫގުލް ކްލައުޑްގެ ބައެއްގެ ގޮތުގައެވެ.
މިއީ ސައިބަރ ސެކިއުރިޓީ އަދި މަލްޓި-ކްލައުޑް ޤާބިލިއްޔަތުތަކަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެކެވެ. އާޓިފިޝަލް އިންޓެލިޖެންސް އަދި ކްލައުޑް ޓެކްނޮލޮޖީގެ ބޭނުންކުރުން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސެކިއުރިޓީ ވަރުގަދަކުރުމަށް ގޫގުލް ކްލައުޑްއިން ދޭ އަހައްމިއްޔަތުކަން މި މުޢާމަލާތުން ދައްކުވައިދެއެވެ.
ގޫގުލް އަދި އަލްފަބެޓްގެ ސީއީއޯ ސުންދަރ ޕިޗައި ވިދާޅުވީ މިއަދުގެ ކްލައުޑް ޓެކްނޮލޮޖީއަށް ބަރޯސާވާ ދުނިޔޭގައި ސެކިއުރިޓީގެ މުހިންމުކަން ވަރަށް ބޮޑުކަމަށެވެ.
ޕިޗާއީ ވިދާޅުވިގޮތުގައި ގޫގުލް ފެށުނީއްސުރެ ސެކިއުރިޓީއަށް ދީފައިވާ ސަމާލުކަމުގެ ސަބަބުން، އޮންލައިންކޮށް މީހުން ރައްކާތެރިކުރުމަކީ އެކުންފުނީގެ ބޮޑު އަމާޒެކެވެ. މިއަދު ކްލައުޑްގައި މަސައްކަތްކުރާ ވިޔަފާރިތަކާއި ސަރުކާރުތަކުން ބޭނުންވަނީ އިތުރަށް ވަރުގަދަ ސެކިއުރިޓީ ޙައްލުތަކާއި، ކްލައުޑް ކޮމްޕިއުޓިންގ ޕްރޮވައިޑަރުންގެ އިތުރު ޗޮއިސްތަކެވެ. ގޫގުލް ކްލައުޑް އަދި ވިޒް އެކުގައި މަސައްކަތްކުރުމުން ކްލައުޑް ސެކިއުރިޓީ އިތުރަށް ރަނގަޅުކޮށް، ގިނަ ކްލައުޑްތައް ބޭނުންކުރުމުގެ ޤާބިލިއްޔަތު އިތުރުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މުޢާމަލާތުގެ ސަބަބުން ގޫގުލްގެ ކްލައުޑް ސެކިއުރިޓީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ކަސްޓަމަރުންނަށް ލިބޭ ރައްކާތެރިކަން އިތުރުވާނެކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!