ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އިދިކޮޅު އެމްޑީޕީގެ މުޒާހަރާތަކުގައި ދެއްކި ވާހަކަތަކާ ގުޅިގެން ދަޢުވާކުރަން ރައީސްގެ ޢާއިލާއިން ނިންމަވައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު މެންދުރުފަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރައީސްގެ ޢާއިލާގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާޒިމް ޝަކޫރު ވަނީ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ނެރުއްވި ނޫސްބަޔާން އިއްވާފައެވެ. ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ސިޔާސީ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރައީސްގެ ދަރިކަލަކާ ބެހޭގޮތުން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ކުދިންގެ ކިޔެވުމާއި މުސްތަޤުބަލަށް އަސަރުކުރާ ކަމަށެވެ.
ފަސްޓް ލޭޑީ އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ކޮންމެ ކުއްޖަކީވެސް ޤާނޫނީ ރައްކާތެރިކަން ލިބިފައިވާ ކުއްޖެއް ކަމަށާއި، މި ކަންތައްތަކުގެ ސަބަބުން ކުދިންގެ ކަރާމާތާއި އަބުރަށް ގެއްލުންވަމުންދާ ކަމަށެވެ. އެހެންކަމުން މިއީ މަންމައެއްގެ ހައިސިއްޔަތުން އަޅުއްވަން މަޖުބޫރުވި ފިޔަވަޅެއް ކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ.
ދަޢުވާކުރަން ނިންމާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމުގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އާއި، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް އަދި އެމްޑީޕީގެ މައްޗަށެވެ. މިއީ މަދަނީ ދަޢުވާތަކެއް ކަމަށް ވަކީލު އާޒިމް ޝަކޫރު ވިދާޅުވެފައިވެއެވެ.
އާޒިމް ޝަކޫރު އިތުރަށް ވިދާޅުވެފައިވަނީ ރައީސްގެ ދަރިކަލުންގެ ފޮޓޯތައް އާންމުކޮށް، އިދިކޮޅުން ހޭޓް ސްޕީޗް ފެތުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، މިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
މި މައްސަލައިގައި ދަޢުވާކުރަން ނިންމާފައިވަނީ ރައީސްގެ ދަރިކަލުންނަށް ލިބިފައިވާ ޤާނޫނީ ޙައްޤުތަކަށް އަރައިގަނެ، ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ދައްކައި، ކުދިންގެ ތަޢުލީމީ އަދި އިޖުތިމާޢީ ދިރިއުޅުމަށް އަސަރުކޮށްފައިވާތީ ކަމަށް ވަކީލު އާޒިމް ޝަކޫރު ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!