އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްއާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަޅުއްވާނެ ކަމަށް އެމެރިކާގެ ކޮމާސް ސެކްރެޓަރީ ހަވަރޑް ލުޓްނިކް ވިދާޅުވެއްޖެއެވެ.
މި ވާހަކަ އޭނާ ވިދާޅުވެފައިވަނީ ހުކުރު ދުވަހު ފޮކްސް ބިޒްނަސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
އާދީއްތަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާގެ ސަރުކާރުން ޓިކްޓޮކް ވިއްކާލުމާ ގުޅޭ ގޮތުން ހަތަރު ތަފާތު ގްރޫޕަކާ މަޝްވަރާކުރަމުންދާ ކަމަށެވެ.
އަދި ޖެނުއަރީ މަހު އޭނާ ސޮއިކުރެއްވި ރިޔާސީ ގަރާރެއްގައި ވަނީ ޓިކްޓޮކްގެ ވެރިފަރާތް ކަމުގައިވާ ބައިޓްޑާންސްއިން އެ ޕްލެޓްފޯމް ވިއްކާލުމަށް ނުވަތަ ބަންދުކުރުމަށް އަންގާފައިވާ އެމެރިކާގެ ޤާނޫނު ތަންފީޒުކުރުން 75 ދުވަހަށް ފަސްކުރައްވާފައެވެ. މި ފިޔަވަޅު އަޅުއްވާފައިވަނީ ޤައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ރިޢާޔަތްކޮށެވެ.
މި މައްސަލައިގައި އިތުރު ކުރިއެރުމެއް ލިބޭތޯ ބަލަމުންދާ ކަމަށް އެމެރިކާގެ ސަރުކާރުން ބުނެއެވެ. އަދި ޓިކްޓޮކްގެ މައްސަލަ ޙައްލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!