ރިސާރޗް ލައިބްރަރީއަކާއެކު ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ މިސްކިތުގެ ބިންގާ އަޅަން ތައްޔާރުވެއްޖެއެވެ.

މި މިސްކިތަކީ މ. ޠައިބާ ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދުގެ ދީލަތި އެހީގައި ބިނާކުރެވޭ މިސްކިތެކެވެ.

Ad
rt

ހުޅުމާލޭގައި އަޅާ މި މިސްކިތުގެ ބިންގާ އެޅުން އިއްޔެ އަށް ތާވަލުކުރި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ މިސްކިތުގެ ބިންގާއެޅުން ވަނީ ފަހުގެ ތާރީޚަކަށް ފަސް ކުރެވިފައެވެ.

މަދީނާ އިންވެސްޓްމަންޓުން މެނޭޖްކުރާ މި މަޝްރޫޢުގެ ދަށުން އެޅޭ މިސްކިތަކީ، ހުޅުމާލޭގައި އެތައް އަހަރެއްވަންދެން ޓިނުން ހަދާފައިވާ ވަގުތީ މިސްކިތެއް ހުރި ތަނުގައި ބިނާކުރެވޭ މިސްކިތެކެވެ. މި މިސްކިތަކީ 2 ބުރިއަށް އެޅޭ މިސްކިތެއް ކަމަށާއި، އެތެރެއާއި ބޭރުގައި ޖުމްލަ 2,000 އަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި މިސްކިތުގެ ޚާއްޞަ ކަމަކީ، ނަމާދުގެ ފަހުން ކިޔަވާކުދިންނާއި އިސްލާމީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ފުރިހަމަ ލައިބްރަރީއެއް ޤާއިމުކުރެވިފައި ހުންނާނެ ކަމެވެ. މީގެ އިތުރުން، މި މިސްކިތަކީ ފުރިހަމަ ސޯލާ ނިޒާމަކުން ކަރަންޓު ދެވި، އޭސީކުރެވޭ މިސްކިތެކެވެ.

މި މިސްކިތް ނިސްބަތްކުރެވިފައިވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝަތުގެފާނަށެވެ. އަދި މިއީ އަންހެނުންނަށް ވެސް ނަމާދުކުރެވޭ ޖާގައާއި ޚާއްޞަ ފާޚާނާ ހިމެނޭ މިސްކިތެކެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހައިން ވަދެވޭ ގޮތަށް ބިނާކުރެވޭ މިސްކިތެއްކަން ފާހަގަކޮށްލެވެއެވެ.

މާލާ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން އިމާރާތްކުރާ މި މިސްކިތް ނިންމުމަށް އަމާޒުކުރެވިފކުރެވިފައިވަނީ އަންނަ އަހަރުގެ ރަމަޟާން މަހަށެވެ. މިސްކިތް ހުޅުވުމަށްފަހު، އިލްމީ ދަރުސްތަކާއި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށް މަދީނާ އިންވެސްޓްމަންޓުން ބުނެފަވެއެވެ.

މި މިސްކިތް އިމާރާތްކުރުމަށް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މަދީނާ އިންވެސްޓްމަންޓުން ބުނެފަވެއެވެ.