"ގެދޮރުވެރިޔާ" ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރަން ނިންމާފައިވާ 4000 ފްލެޓްގެ ލިސްޓުގެ ވެރިފިކޭޝަން މަސައްކަތް ނިމި، ޝަރުތު ހަމަވަނީ 1820 މީހުން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތޮލިބު ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުގައި 4,939 މީހުން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، އަލުން ކުރެވުނު އިވެލުއޭޝަނުން ފާހަގަވެފައިވަނީ މުޅިން ތަފާތު މަންޒަރެކެވެ.

Ad
rt

"އިވެލުއޭޝަން ނިމުނުއިރު ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅުނު 3119 މީހުންގެ ތެރެއިން 2695 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ މީހުން. އަދި ބާކީ 424 މީހުންނަކީ ވެރިފިކޭޝަ ވެރިފިކޭޝަން ނިމުނުއިރު ފްލެޓް ލިބޭ ވަރަށް ޕޮއިންޓް ނުލިބޭ މީހުން," މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ފްލެޓު ލިސްޓުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ފްލެޓު ހޯދުމަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ މައްސަލައެވެ.

"މާލޭގައި 15 އަހަރު އުޅުން ކަމަށް ދެއްކުމަށް ކައުންސިލުތައް މެދުވެރިކޮށް ލިޔުން ހޯދާފައިވާ ބައެއް ފަރާތްތަކަކީ މާލޭގައި އެ މުއްދަތުގައި ނޫޅޭ ފަރާތްތައް," އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު މުއްތޮލިބު އިތުރަށް ވިދާޅުވި ގޮތުގައި، ފްލެޓް ލިސްޓާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅަން މަސް ދުވަހުގެ ފުރުސަތެއް ދެއްވާނެއެވެ. މި މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެއްވެސް ލިޔުމެއް ނެތް ނަމަވެސް، 8 ޕަސެންޓް މީހުން ފްލެޓް ލިބޭ ލިސްޓަށް އަރުވާފައިވެއެވެ. މިކަމާ ގުޅޭ ގޮތުން އިތުރު ތަޙުޤީޤުތައް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން 4،000 ފްލެޓު ބަހާލީ ބޭއިންސާފުން ކަމަށް ބުނެ، އެކަމުގެ ޝަކުވާތައް އޭސީސީ އަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ ބޮޑު ތަހުގީގެއް ހިންގައިފައެވެ. އެ ތަހުގީގަށް ފަހު އެ ކޮމިޝަނުން ބުނި ގޮތުގައި 4،000 ފްލެޓް ލިބޭ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވެއެވެ. އެއީ ގާތްގަނޑަކަށް 2،400 ފޯމެވެ. ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގައެވެ. އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެކެވެ.