ޓެކް އަދި ވިޔަފާރި ކުންފުނި އެމެޒޯން އިން އެލެކްސާގެ އައު ވަރޝަނެއް ތަޢާރަފުކޮށްފިއެވެ.

ނިއުޔޯކުގައި ބޭއްވުނު ހާއްސަ އިވެންޓެއްގައި އެމެޒޯން އިން އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް އެސިސްޓެންޓް ކަމުގައިވާ އެލެކްސާގެ އައު ވަރޝަނެއް ވަނި ދައްކާލައިފައެވެ.

Ad
rt

"އެލެކްސާ+" ގެ ނަމުގައި ތަޢާރަފުކުރި މި އައު ވަރޝަން ތަރައްޤީ ކޮށްފައިވަނީ ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ.

އެމެޒޯންގެ ޑިވައިސަސް އެންޑް ސަރވިސަސް ޗީފް ޕާނޯސް ޕަނާއި ވިދާޅުވި ގޮތުގައި މިއީ އެލެކްސާގެ "ފުރިހަމަ ރީ-އާކިޓެކްޗަރ" އެކެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް އެލެކްސާގެ ވިޝަން ހާސިލުކުރުމަށް ޓެކްނޮލޮޖީގެ ގޮތުން ހުރަސްތަކެއް ހުރި ނަމަވެސް، މިހާރު އެ ހުރަސްތައް ފަހަނައަޅާ ދެވިފައިވެއެވެ.

އެމެޒޯން އިން ބުނާ ގޮތުގައި އައު އެލެކްސާއަށް ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމުގައި ކުރިއަށްވުރެ މިހާރު ހުރިހާ ގޮތަކުންވެސް މާބޮޑަށް ކުޅަދާނަވާނެއެވެ. މިގޮތުން އެމެޒޯން ކަސްޓަމަރުންގެ އެކައުންޓުތަކުގައި ހުރި މަޢުލޫމާތު ބޭނުންކޮށްގެން ސުވާލުތަކަށް ޖަވާބު ދެވޭނެއެވެ.

ޕަނާއި ވިދާޅުވި ގޮތުގައި އައު އެލެކްސާއަށް ބޭނުންކުރާ މީހާގެ ޝެޑިއުލް، ސްމާޓް ހޯމް، ޕްރިފަރެންސްތައް، ބޭނުންކުރާ ޑިވައިސްތައް، ގުޅުން ހުރި މީހުން އަދި މުނިފޫހިފިލުވުމުގެ ކަންކަމާ ބެހޭ ގިނަ މަޢުލޫމާތު އެނގޭނެއެވެ. އަދި މާކެޓުގައި ހުރި އެހެން އެސިސްޓެންޓްތަކެކޭ އެއްފަދައިން އައު އެލެކްސާއަށް ވީޑިއޯ ފީޑް ބަލައިގަނެ، އޭގައި ހިމެނޭ ކަންކަމާ ގުޅޭ ސުވާލުތަކަށް ޖަވާބު ދެވޭނެއެވެ.

އެމެޒޯން އިން މި އައު ޓެކްނޮލޮޖީ ތަޢާރަފުކުރުމާއެކު، އާޓިފިޝަލް އިންޓެލިޖެންސް އެސިސްޓެންޓްތަކުގެ ދާއިރާގައި އިތުރު ކުރިއެރުންތަކެއް ފެންނާނެ ކަމަށް ބެލެވެއެވެ.