ހދ އަތޮޅު ގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އިތުރު މަސައްކަތް ކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިޤް އިބަރާހީމްގެ އަރިހުން އެދިއްޖެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިގޮތަށް އެދުނީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތޯރިގް މި ދިޔަ ހަފުތާގައި ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކައުންސިލާއެކެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

Ad
rt

މި ބައްދަލުވުމުގައި، ވުޒާރައިގެ މެންޑޭޓުގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ކުޅުދުއްފުއްޓާއި އަތޮޅުގައި ހުރި އެހެނިހެން މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށް އެދި، ކަންތައްތަކުގެ ހައްލުހޯދުމަށް މަޝްވަރާކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މިގޮތުން ސިޓީ ކައުންސިލުން އެދުނު ކަންތައްތަކުގެ ތެރޭގައި، ކުޅުދުއްފުށީ ކުޅީގެ ހައިޑްރޮލޮޖީ ރަނގަޅުކުރުމުގެ މަޝްރޫ އަވަސްކޮށްދިނުމަށާއި، މަސައްކަތް ހުއްޓިފައިހުރި އާ އިންޖީނުގޭގެ މަސައްކަތް ފަށާ މަސައްކަތް އަވަސްކޮށްދިނުމަށާއި، ރަށުގެ އިރުމަތި ފަރާތު ގޮނޑުދޮށް ހިމާޔަށް ކުރުމަށް ހުށައަޅާފައިވާ ހުށަހެޅުން މިނިސްޓްރީގެ ފަރާތުން އަވަސް ހައްލެއް ހޯދައިދިނުން ހިމެނެއެވެ.

މީގެ އިތުރުން، ކުޅުދުއްފުށީގެ ހުޅަނގު ފަރާތު ފަރުމައްޗަށް އުރިފައިވާ ބާޖުގެ މައްސަލަ ހައްލުކޮށްދެއްވުމަށާއި، ހދ އަތޮޅުގައި ޓުއަރިޒަމް ގެ ސިނާއަތް އިތުރަށް ފުޅާކުރުމަށް މަސައްކަތްކޮށްދީ، ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިއަށް ރައްޔިތުންނަށް ފަސޭހައިން ފައިނޭންސް ލިބޭނެ މަގެއް ތަނަވަސް ކޮށްދެއްވުމަށް ވެސް ސިޓީ ކައުންސިލުން މިނިސްޓަރުގެ އަރިހުގައި އެދިފަައިވެއެވެ.

އަދި ހަމަ އެހެންމެ، ފަތުރުވެރިކަމުގެ ދާއިރާތަކުން ހުނަރު ތަރައްޤީ ކުރެވޭނެ ކޯސް ހިނގުމަށް ފެސިލޭޓަރުން ފޯރުކޮށްދިނުމަށާއި ވެމްކޯއިން ކުޅުދުއްފުށީގައި ދެމުންދާާ ހިދުމަތްތައް ހަރުދަނާކޮށް ހިދުމަތްތަކަށް ނެގޭ ބައެއް ފީ ތަކަށް އިތުރު ހައްލެއް ހޯދައިދިނުމަށްވެސް ކައުންސިލުން އެދިފައިވެއެވެ.

މި ކަންތައްތަކުގެ އިތުރުން ވެސް ކުޅުދުއްފުށީގެ ރައްޔިތުންނަށް އިތުރު ލުއިތަކެއް ފޯރުކޮށް ދިނުމަށް އިތުރު މަޝްވަރާކުރެވުނު ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.