ލ. އަތޮޅު ގަމުގެ އިޚްތިޞާޞްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި ނިންމެވުމާ ގުޅިގެން ރައީސް ވަނީ އިއްޔެ ޤަރާރެއް ނެރުއްވައި، ގަމުގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައިވެއެވެ.
ރައީސް މުޢިއްޒު މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި ޤާނޫނުން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވެއެވެ.
ބޮޑުފިނޮޅަކީ ލ. ގަމުގެ ތުނޑި އަވަށު ކޮޅުގައި، އެ ރަށާ އެއް ފަޅެއްގައި އޮންނަ ރީތި މޫދާއި ގޮނޑުދޮށް އޮންނަ ހިތްގައިމު ރަށެކެވެ.
މި ރަށަކީ ކުރިން ލ. އަތޮޅުގައި ޓޫރިޒަމް ޓްރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ހިއްސާވާ ޕްރިމިއާ އިކުއިޓީއާ ކުންފުންޏަށް ދޫކޮށްފައިވާ ރަށެކެވެ. ނަމަވެސް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ އެ ރަށް އިންވެސްޓަރުގެ އަތުން ދައުލަތަށް ނަގާފައެވެ.
މީގެ އިތުރުން 18 ފެބްރުއަރީ 2025 ގައި ރައީސް މުޢިއްޒު ވަނީ ރ.އަތޮޅު އުފުލަންދޫ އަކީ އެ އަތޮޅު މަޑުއްވަރީގެ ބައެއްކަމަށާއި، އަދި ތާވަތާ އަކީ އެ އަތޮޅު މީދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!