އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)އިން ކުޑަކުދިންނަށް ޤުރްއާން ހިތު ދަސްކުރުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެއެވެ.
''ހިތްތަކުގެ ނޫރު" ގެ ނަމުގައި ފަށާ މި ޕްރޮގްރާމް ޚާއްޞަކޮށްފައި ވަނީ 5 އަހަރާއި 10 އަހަރާ ދެމެެދުގެ ކުޑަކުދިންނަށެވެ.
މި އަހަރުގެ މާރޗު މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ 3 ބުރަކަށް ބަހާލައިގެން ކޮންމެ ބުރެއްގައިވެސް، ކަނޑައެޅިފައިވާ މުއްދަތުގައި އެބުރެއްގައި ދަސްކުރުމަށް ހާއްސަ ކޮށްފައިވާ ފޮތް ހިތުން ކިޔައިދިނުމުން، އެދަރިވަރުންނަށް ފައިސާގެ އިނާމު ލިބޭ ގޮތަށެވެ.
އެގޮތުން މި ޕްރޮގްރާމްގައި ފުރަތަމަ ބުރު ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް 500.00 (ފަސްސަތޭކަ) ރުފިޔާ، 2 ވަނަ ބުރު ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް 700.00 (ހަތްސަތޭކަ) ރުފިޔާ އަދި ތިންވަނަ ބުރު ފުރިހަމަ ކުރުމުން 1000.00 (އެއްހާސް) ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް އިހަވަންދޫ ޑަބްލިޔުޑީސީން ވަނީ ނިންމާފައެވެ.
މި ޕްރޮގުރާމުގައި ބައިވެރިކުރުމަށް ޝައުޤުވެރިވާ ދަރިވަރުން 27 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދި އެކަމަށް ޚާއްޞަކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
އިހަވަންދޫ ޑަބްލިޔުޑީސީން މީގެ ކުރީން ވެސް ވަނީ މުހިންމު ޕްރޮގްރާމްތަކެއް ހިންގާފައެވެ.
އިވަންދޫ އަކީ ދީނީ އަދި ތައުލީމީ ކަންކަމަށް ލޯބިކުރާ ރަށްޔިތަކު ދިރިއުޅޭ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!