އުރީދޫ މޯލްޑިވްސްގެ އެންމެ ބޮޑު ގޭމިން އިވެންޓް ކަމަށްވާ "އުރީދޫ ނޭޝަން އަލްޓިމޭޓް ގޭމިން ފެސްޓިވަލް" މި މަހުގެ 21 އަދި 22 ވަނަ ދުވަހު މާލޭ އުސްފަސްގަނޑުގައި ބޭއްވުމަށް ނިންމާ އިއުލާނުކޮށްފިއެވެ.

މި ފެސްޓިވަލަކީ 2024 ވަނަ އަހަރުގެ ތެރޭގައި ބޭއްވުނު އުރީދޫ ނޭޝަންގެ ހުރިހާ މުބާރާތެއްގެ ނިންމުން ކަމަށް އުރީދޫއިން ބުނެފައިވެއެވެ. މި ފެސްޓިވަލްގައި ޖުމްލަ 240،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ހިމެނެއެވެ.

Ad
rt

ފެސްޓިވަލްގައި ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ މުބާރާތްތަކުގެ އިތުރުން ކޮސްޕްލޭ މުބާރާތެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ތާޖު ލިބޭ ކުޅުންތެރިޔާ ވެސް ހޮވިގެންދާނެއެވެ.

ޕަބްޖީ މޮބައިލް މުބާރާތުގެ ޗެމްޕިއަނަށް 50،000 ރުފިޔާ ލިބޭއިރު، މޮބައިލް ލެޖެންޑްސް އަދި އީއޭއެފްސީ މުބާރާތްތަކުގެ ޗެމްޕިއަނުންނަށް 20،000 ރުފިޔާ ލިބޭނެއެވެ. ކޮސްޕްލޭ މުބާރާތުގެ އެއްވަނައަށް 5،000 ރުފިޔާ ލިބޭނެއެވެ. އަދި އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔަރަށް 30،000 ރުފިޔާ ލިބޭނެއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނެފައިވަނީ މި ފެސްޓިވަލްގައި ބައިވެރިވުމަށް ގޭމިންއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވާ ކަމަށެވެ. އަދި އިތުރު ތަފްސީލާއި އަޕްޑޭޓް ހޯދުމަށް އުރީދޫ ނޭޝަންގެ ރަސްމީ ޗެނަލްތައް ފޮލޯކުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފައިވެއެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ގޭމިން ކޮމިއުނިޓީ ފާހަގަކޮށް ބާރުވެރިކުރުމުގެ ގޮތުން އުރީދޫއިން ކުރަމުން އަންނަ މަސައްކަތެކެވެ. އަދި އަލްޓިމޭޓް ގޭމިން ފެސްޓިވަލަކީ އަހަރު ތެރޭގައި ބޭއްވޭ އެކި އެކި މުބާރާތްތަކުން ކޮލިފައިވާ ގޭމަރުންގެ ހުނަރު ބޮޑު ސްޓޭޖެއްގައި ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އިވެންޓްކެވެ. މުބާރާތްތަކުގެ އިތުރުން މި ފެސްޓިވަލްގައި ހިތްގައިމު ހަރަކާތްތަކާއި ގޭމިން ޝޯކޭސްތަކާއި ކުޅުންތެރިންނާއި ބެލުންތެރިންނަށް ވެސް ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެ އެވެ.