ހުރިހާ ރަށެއްގައި ގެސްޓު ހައުސް ހެދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް "އަހާ" ގެ ރޭގެ ބައްދަލުވުމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

Ad
rt

ވަޒީރު ޠާރިޤު ވިދާޅުވި ގޮތުގައި، ސަރުކާރުން ކޮންމެ ރަށެއްގައިވެސް ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެއެވެ. މިގޮތުން ފަތުރުވެރިކަމަށް ޚާއްސަ ކުރެވޭ ސަރަހައްދުތަކުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށްދިނުމާއެކު، ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކަށްވެސް އެކި ގޮތްގޮތުން ލުއިފަސޭހަތައް ހޯދައިދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހުރިހާ ރަށެއްގައި ގެސްޓު ހައުސް ހެދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެކަމަށާއި، އަތޮޅުތަކުގެ ރަށްރަށުގައި ލޯކަލް ޓޫރިޒަމް އަލާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށް ވެސް ވަޒީރު ވިދާޅުވެފަވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވަމުން އައިސް ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް އިތުރުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިފަހުން ބޭއްވި ރަށު އެކްސްޕޯގެ ތެރެއިން ރަށްތައް ޕްރޮމޯޓް ކުރުމަށް ކުރެވުނު މަސައްކަތްތަކުން މިކަން ފެނިގެން ދިޔަކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރޭ ބާއްވާފައި ވަނީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ''އަހާ''ގެ ފޯރަމްގެ ހަތަރު ވަނަ ފޯރަމް އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކްސަރވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން ބާއްވަމުން އަންނަ ފޯރަމް ތަކެކެވެ.

ރޭގެ ފޯރަމްގައި ފަސް ވަޒީރަކު ވަނީ ވަނީ ފޯރަމްގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އެ ވަޒީރުންނަކީ ޠާރިޤްގެ އިތުރުން، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރޢާއިޝަތު ޝިހާމް އަދި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު އެވެ.