ކުރިއަށް އޮތް ރަމަޟާން މަހު އަސާސީ ތަކެތީގެ އަގު ބޮޑުކޮށް ވިއްކާނަމަ ސަރުކާރުން ފިޔަވަޅު އަޅުއްވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ ރޭ ބޭއްވި އަހާ ފޯރަމެއްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

Ad
rt

މި ފޯރަމްގައި ވަޒީރު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމާ އެއްގޮތަށް އަސާސީ މުދަލުގެ އަގު ބޮޑުވިޔަ ނުދިނުމުގެ ސިޔާސަތެއް ވަނީ އެކުލަވާލާފައެވެ.

"އަގު ބާޒާރުގައި ބޮޑުވެއްޖެނަމަ ކަންކުރާނެ ގޮތުގެ ސިޔާސަތު އެއޮތީ އެކުލަވާލާފައި. އެއީ އެއްވާހަކަ. އެއާ ގުޅުންހުރި އަނެއް ވާހަކައަކީ، އެއީ ކިތައް އައިޓަމްތޯ. 183 އައިޓަމްގެ މައްޗަށް އެކުލެވިގެންވާ ލިސްޓެއް އެއީ. އޭގެ ތެރެއިން 54 ބާވަތް ރަމަޟާން މަހަށް ޚާއްސަކޮށްގެން އަޅުގަނޑުމެން އިންނާނެ ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި ކަނޑައަޅާފައި،" ވަޒީރު ވިދާޅުވިއެވެ.

މި ސިޔާސަތުގެ ދަށުން، ކަމާގުޅޭ އިދާރާތަކުގެ ބައިވެރިވުމާއެކު އަސާސީ މުދަލާއި، ގެއެއްގައި އާންމުގޮތެއްގައި ބޭނުންކުރާ އާންމު މުދަލުގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރަމަޟާން މަހު އެއްވެސް އެއްޗެއްގެ އަގު ބޮޑުވާނަމަ ސަރުކާރުން އެކަމާ ގުޅިގެން ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މި ފިޔަވަޅުތަކުގެ މަޤްޞަދަކީ ރަމަޟާން މަހު އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި އަތްފޯރާ އަގުގައި ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މިއީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ މުހިންމު ބައެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.