ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހަނިމާދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

Ad
rt

ފެބުރުވަރީ 12 ވަނަ ދުވަހު ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ހދ. ހަނިމާދޫ / މަޔާ ޕެލަސް، އާމިނަތު (56) އާއި ފާޠިމަތު މާޔާ (25) އެވެ. މިއީ ދެމައިންނެވެ.

''މި އޮޕަރޭޝަނުގައި، އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވޭ، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 189.69 ގުރާމް'' ފުލުހުން ބުނެފަވެއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އާމިނަތު ފަސް ދުވަހަށް އަދި 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަންހެން މީހާގެ ފިރިހެން ދަރިފުޅު މީގެ ކުރީން ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށުގައި އިންޑިއާގެ ޓްރެވެންޑްރަމްގެ ޖަލަކަށްލާފައެވެ. އޭނާ އެ ޖަލުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވެއެވެ.