ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް ޙަމްދީ ޢަޤީލް މަޤާމުން ވަކިކޮށްފިއެވެ.

ސަރުކާރުގެ ބައެއް އިސް އޮފިޝަލުން މިކަން ކަށަވަރުކޮށްދިން ނަމަވެސް، މިހާތަނަށް ސަރުކާރުން މިކަން ރަސްމީކޮށް އިޢުލާނުކޮށްފައެއް ނުވެއެވެ.

Ad
rt

ޙަމްދީ ޢަޤީލް ޕީސީބީގެ ރައީސްކަމުގެ މަޤާމަށް އައްޔަނުކުރެވުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހުއެވެ.

ޙަމްދީ ޢަޤީލަކީ ސަރުކާރުގެ އެކި މަޤާމުތަކުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުކަމާއި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަން ހިމެނެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި، ކޯޕަރަޓައިޒްކުރުމާއި، އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުހިންމު މުއައްސަސާއެކެވެ.

ގާނޫނު ބުނާ ގޮތުން އެ އިދާރާގެ ބޯޑަކީ ރައީސް އައްޔަން ކުރައްވާ ހަތް ބޭފުޅުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އަދި އެ ބޯޑުގެ މެންބަރުންނަށް އައްޔަން ކުރައްވާ ފަރާތްތަކަށް މަޖިލީހުން ރުހުން ހޯދަން ޖެހެ އެވެ.