މަކިޓާ ބްރޭންޑުގެ ފޭކު އުފެއްދުންތަކެއް ބާޒާރުގައި ދައުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް އެ ބްރޭންޑުގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރު، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިލްތިމާސްކޮށްފިއެވެ.
މަކިޓާ ބްރޭންޑުގެ ފޭކު އުފެއްދުންތަކެއް ބާޒާރުގައި ދައުރުވަމުން އަންނާތީ އެސްޓީއޯ އިން އިއްޔެ ވަނީ ޕަބްލިކް އެޑްވައިޒަރީއެއް ނެރެފައެވެ.
އެ ބަޔާނުގައި އެސްޓީއޯއިން ވަނީ އެ ކުންފުންޏަކީ ދިވެހިރާއްޖޭގައި ވިއްކާ މަކިޓާ ބްރޭންޑްގެ އުފެއްދުންތަކުގެ ހަމައެކަނި އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރުކަން ފާހަގަކޮށްފައެވެ. އަދި މަކިޓާ ބްރޭންޑްގެ އުފެއްދުންތައް ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތަށް، ފެންވަރު ރަނގަޅު އަސްލު އުފެއްދުންތައް ރާއްޖެ އެތެރެކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަތާ އަހަރުތަކެއް ވެފައިވާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އެސްޓީއޯ އިން ބުނީ، އެކިގޮތްގޮތުން މަކިޓާ ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އެތެރެކުރާ މިންވަރު އިތުރުވެފައިވާއިރު، މަކިޓާ ބްރޭންޑުގެ ފޭކު ޓޫލްތައް ރާއްޖޭގެ ބާޒާރުގައި ދައުރުވަމުންދާކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މިގޮތުން ދައުރުވަމުންދާ މަކިޓާ ބްރޭންޑުގެ ފޭކު ޓޫލްތަކަކީ ކަސްޓަމަރުންނަށް އޭގެ ބޭނުން އެދެވޭ ގޮތުގައި ހިފޭނެކަމުގެ ޔަގީންކަން ނެތް، ރައްކާތެރިކަމުގެ އެއްވެސް ގެރެންޓީއެއް ނެތް އުފެއްދުންތަކެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި ފޭކު ޓޫލްތަކުން ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް އެ ބްރޭންޑުގެ އުފެއްދުންތައް ގަތުމުގެ ކުރިން އެ އުފެއްދުންތަކަކީ އޮރިޖިނަލް އުފެއްދުންތައްކަން ކަށަވަރުކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެސްޓީއޯއިން ފާހަގަކޮށްފއިވާގޮތުގައި މަކިޓާ ބްރޭންޑުގެ އަސްލު އުފެއްދުންތައް ލިބެން ހުންނާނީ އެކުންފުނީގެ އައުޓްލެޓްތަކުންނާއި އެ ކުންފުނިން ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށެވެ.
އެ ބްރޭންޑުގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމަށް، އެސްޓީއޯ ސާވިސް ސެންޓަރުން އާފްޓާ ސޭލްސް ހިދުމަތް ފޯރުކޮށްދެ އެވެ. އެ ހިދުމަތަކީ ހަމައެކަނި އެސްޓީއޯއިން ނުވަތަ އެސްޓީއޯގެ ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް ގަންނަ މަކިޓާ ބްރޭންޑުގެ އުފެއްދުންތަކަށް ލިބޭނެ ހިދުމަތެއްކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
''އެހެންކަމުން މަކިޓާ ބްރޭންޑްގެ ފޭކް އުފެއްދުންތަކާމެދު ސަމާލުވުމަށް ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި އިލްތިމާސްކުރަމެވެ. އަދ މަކިޓާ ބްރޭންޑުގެ އަސްލުކަން ކަށަވަރު ކުރަން އެހީތެރިކަން ބޭނުންވާ ނަމަ، އެސްޓީއޯގެ މަކިޓާ ޝޯރޫމަށް ވަޑައިގެންދެއްވުން އެދެމެވެ.'' އެސްޓީއޯއިން ބުނެފަވެއެވެ.
އެ ކުންފުނިން ވަނީ މަކިޓާ ބްރޭންޑްގެ އަސްލުއުފެއްދުންތަކާއި ފެންވަރު ރަނގަޅު ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި އެ ކުންފުނި ދެމިއޮންނާނެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!