ހއ. މުރައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ބައްދަލުކުރަށްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ރައީސް ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަ މަންޒިލެއްގެ ގޮތުގައި މުރައިދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ވަނީ މުރައިދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސަށް ދަންނަވާފައެވެ. މިގޮތުން ކައުންސިލުން ފާހަގަކުރެއްވި މައިގަނޑު ކަންކަމަކީ،
• ގިރުމާއި ލަފާފުރުމުގެ ދަތިކަން
• ސްކޫލާއި ޞިއްޙީ މަރުކަޒުގެ ތަރައްޤީ
• މަގުތަކާއި ކަރަންޓުގެ ޙާލަތު
• ފުޓްސަލް ދަނޑުގެ ބޭނުން
މި ބައްދަލުވުމުގައި ރައީސް ވަނީ ވަޒީރުން މެދުވެރިކޮށް މުރައިދޫއާއި ގުޅޭކަންކަމުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރަށްވާފައެވެ. އަދި ތަޢުލީމީ ދާއިރާއަށް ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމަށް އިރުޝާދު ދެއްވައި، ޞިއްޙީ މަރުކަޒުގެ މައްސަލަތައް ހައްލުކުރުމުގެ ކަންކަން ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ މުރައިދޫ ރަށު ކައުންސިލު އިދާރާގެ އައު ޢިމާރާތުގެ ބިންގާއެޅުމާއި، މުރައިދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމާއި އަދި މުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!