އެމެރިކާގެ ރައީސް ޖޯ ބައިޑެން، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ އެންމެ ފަހު ދުވަހު، އާއިލާގެ ގިނަ މެންބަރުންނަށް މަޢާފް ދެއްވައިފިއެވެ.

މިގޮތުން ޖޭމްސް ބީ. ބައިޑެން، ސާރާ ޖޯންސް ބައިޑެން، ވެލެރީ ބައިޑެން އޯވެންސް، ޖޯން ޓީ. އޯވެންސް، އަދި ފްރާންސިސް ޑަބްލިއު. ބައިޑެންއަށް މަޢާފް ދެއްވާފައިވެއެވެ.

Ad
rt

ޑޮނަލްޑް ޓްރަމްޕްގެ ރައީސްކަމުގެ ހުވާކުރުމުގެ ކުރިން ދެއްވި މި މަޢާފާއެކު، ބައިޑެން ވިދާޅުވެފައިވަނީ މަޢާފު ދެއްވީ އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށްފައިވާ "ސިޔާސީ ގޮތުން ބާރުއަޅައިގެން" ކުރެވޭ ތަހުގީގުތަކާއި "ހުއްޓުމެއްނެތި ދެވޭ ހަމަލާތަކާއި އިންޒާރުތައް" ހުއްޓުވުމަށް ކަމަށެވެ.

"މި ހަމަލާތައް ނިމުމަކަށް އަންނާނެކަމުގެ އެއްވެސް އުންމީދެއް ނެތް" ކަމަށް ވިދާޅުވި ބައިޑެން، މަޢާފް ދެއްވި ފަރާތްތަކުން އެއްވެސް ކުށެއް ކޮށްފައިވާކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އަދި މި މަޢާފުދިނުން މަނާކުރެވިގެން ނުވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ ކުރިން، 2024 ގެ ޑިސެމްބަރުގައި ބައިޑެން ވަނީ އެމަނިކުފާނުގެ ދަރިކަލުން ހަންޓަރ ބައިޑެންއަށްވެސް މަޢާފް ދެއްވާފައެވެ. ހަންޓަރ ބައިޑެން ވަނީ 2018 ގައި މަސްތުވާތަކެތި ބޭނުންކުރަމުންދިޔައިރު ހަތިޔާރެއް ގެންގުޅުމުގެ ކުށުން ކުށްވެރިވެފައެވެ. މި މައްސަލައިގައި ޕްލީ ޑީލްއެއް ބާތިލުކުރެވުމަށްފަހު، ފާޑުކިޔާ ގިނަ ފަރާތްތަކުން ބުނެފައިވަނީ މިފަދަ މައްސަލައެއްގައި އެހެން މީހަކަށް ދައުވާ ނުކުރާނެކަމަށެވެ.

ބައިޑެން އިދާރާއިން މަޢާފްދިނުމުގެ ބާރު ބޭނުންކުރުމަށް ތާއީދުކުރައްވާކަން ފާހަގަކުރެވެއެވެ. އަދި ގިނަ ކުށްވެރިންނާއި ތުހުމަތުކުރެވޭ ފަރާތްތަކުން މަޢާފަށް އެދި ހުށަހަޅާފައިވާކަންވެސް ފާހަގަކުރެވެއެވެ.