މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގި ބިދޭސީންތަކެއް ޑީޕޯޓްކޮށްލަން ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު މިއަދު ވިދާޅުވީ، އިއްޔެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ފުލުހުން ވަނީ ތިން ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށެވެ.
މި އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ޝަމްޢާން ވިދާޅުވިއެވެ.
''އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން.'' ޝަމްޢާން ވިދާޅުވިއެވެ.
އިމިގްރޭޝަނުން ވަނީ މީގެ ކުރީން ވެސް މިފަދަ ޢަމަލުތައް ހިންގި ބައެއް ބިދޭސީންނާމެދު ފިޔަވަޅުއަޅާފައެވެ.
މިދިޔަ އަހަރު އެކަނި ވެސް އިމިގްރޭޝަނުން ވަނީ 5613 ބިދޭސީން އެކި ސަބަބުތަކާހުރެ ޑިޕޯޓްކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީންނެވެ. އަދި މީގެތެރެއިން ގިނަ މީހުންނަކީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންތަކުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައި މީހުންނެވެ.
އިމިގްރޭޝަނުން ވަނީ ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މިދިޔަ އަހަރާއި، މި އަހަރު ވެސް ގިނަ ރެއިޑް އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި އެކަމަށް ޚާއްޞަ ބޮޑު އޮޕަރޭޝަނެއް ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!