އޮސްޓްރޭލިއާގެ ސޯޝަލް މީޑިއާ އިންފްލުއެންސަރަކު އޭނާގެ އަމިއްލަ ދަރިފުޅަށް ގަސްތުގައި ވިހަ ދިނުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފިއެވެ.

ބްރިސްބޭންގެ ދެކުނުގައި ދިރިއުޅޭ 34 އަހަރުގެ އެ އަންހެންމީހާ އޭނާގެ އަހަރު ނުފުރޭ ކުޑަ ދަރިފުޅަށް ހުއްދަނެތް ބޭސް ތަކެއްް ވެސްދީ ދަރިފުޅު ބަލިކޮށްލާ، އެކަމުގެ ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިއާގައި ފެތުރުމުގެ ތުހުމަތު ވެސް ވަނީ ކޮށްފައެވެ.

Ad
rt

ކުއީންސްލޭންޑް ފުލުހުން ބުނާ ގޮތުގައި މި އަންހެން މީހާ ވަނީ ފައިސާގެ އެހީ ހޯދުމުގެ ގޮތުން ގޯފަންޑްމީ މެދުވެރިކޮށް އެ ވީޑިއޯތައް ދައުރުކޮށްފައެވެ. އަދި 60،000 އޮސްޓްރޭލިއަން ޑޮލަރު (30،000 ޕައުންޑް) އެ ފަންޑުން އޭނާ ހޯދާފައިވެއެވެ.

އޭނާގެ މައްޗަށް ވަނީ ވިހަ ދިނުމާއި، ކުޑަކުދިންނަށް ގޯނާ ކުރުމުގެ މެޓީރިއަލް އުފެއްދުމާއި، ފްރޯޑް އަދި ނުރައްކާތެރި ކަންތައްތަކަށް ރޭވުމުގެ ދަޢުވާ އުފުލާފައެވެ.

ފުލުހުންގެ ޑިޓެކްޓިވް އިންސްޕެކްޓަރ ޕޯލް ޑަލްޓަން ވިދާޅުވި ގޮތުގައި މި އަންހެން މީހާ "އޭނާގެ ސޯޝަލް މީޑިއާ ޕްރޮފައިލް މަތިކުރުމަށްޓަކައި" ވަނީ މި ކުށްތައް ތަކުރާރު ކޮށްފައެވެ.

2023 އޮކްޓޯބަރު މަހު ކުއްޖާ ބަލިވެގެން ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ވަނީ މައްސަލަ ފާހަގަކޮށް ފުލުހުންގެ އެހީއަށް އެދިފައެވެ.

ފުލުހުން ބުނާ ގޮތުގައި 2023 އޮގަސްޓް 6 އިން އޮކްޓޯބަރު 15 އާ ދެމެދު މި އަންހެން މީހާ ވަނީ އޭނާގެ ދަރިފުޅަށް އެކި ބާވަތުގެ ބޭސް ހުއްދަ ނެތި ދީފައެވެ. އަދި މި ކުއްޖާ "ބޮޑު ވޭނެއްގައި" ވަނިކޮށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ޝާއިޢުކޮށް، އެކަމުން ފައިސާ ހޯދާފައިވެއެވެ.

މި އަންހެން މީހާ ބްރިސްބޭން މެޖިސްޓްރޭޓްސް ކޯޓަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ކުއްޖާ މިހާރު ވަނީ ރައްކާތެރި ތަނެއްގައި ބެލެހެއްޓުމުގެ ދަށުގައެވެ.