" އަހަރެން މިހާ ދުވަހު ކެތްކޮށްފިން. އަރޫ ބުނިހާ ގޮތަކަށް ހެދިގެން އަހަރެން މި އުޅެނީ އަހަރެން ލޯބިވާތީ. އަރޫއަށް ވެސް ދެން އަހަރެންދެކެ ލޯބި ވެވިދާނެ." ނަދީމް ތެދުވަމުން ބުންޏެވެ.
ގައިމަތީ ބެޑްޝީޓް އަޅައިގެން އޭރު ވެސް އަރޫޝާ އޮތީ ރޮއިލަރޮއިލައެވެ.
" ދެން ކީއްވެތަ ތި ރޮވެނީ؟ އަހަންނަށް މި ކުރެވުނީ ކުށެއްތަ؟ މިއީ ކުށެއް ނޫނެއްނު. އަހަރެމެން ދެ މީހުންނަކީ ދެމަފިރިންނޭ. އަރޫ އަހަރެންދެކެ ލޯބި ނުވެޔޭ ބުންޏަސް އަހަންނަށް އެނގޭ އަރޫ އަހަރެންދެކެ ލައިކް ވާކަން. މިހާރު ލޯބިވާނެ ފުރުސަތު ވެސް އަހަރެން މި ދިނީއެއްނު. " ގަޔަށް ޓީޝާޓް މަހާލުމަށްފަހު ނަދީމް ބުންޏެވެ.
އޭރު ވެސް ދެ ލޯ މަރައިގެން އޮވެ އަރޫޝާ މަޑުމަޑުން ގިސްލަމުން ދެއެވެ. އެނދުގެ މަގަތުގައި އިށީނުމަށްފަހު، ނަދީމް އަރޫޝާގެ ކޯތާފަތުގައި އިނގިލި ހިންގާލަމުން އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.
" ބުނެބަލަ! އަހަރެން މަތިން ދެން މިސްވާނެތަ؟" ނަދީމް އެހެން ބުނުމާއެކު އަރޫޝާ މޫނު އަނބުރާލީ، ނަދީމްގެ އިނގިލި ކުރި ވެސް އޭނާގެ ގައިގައި ޖެހެން ބޭނުން ނުވެގެންނެވެ. އޭނާ އޮތީ ރުޅިވެރިކަމުގެ ޖަޒްބާތުތައް ހިތުތެރޭގައި ފިއްތާލައިގެންނެވެ.
" އަހަންނަށް އިންތިޒާރު ކުރައްޗޭ. މި ފަހަރު ގޮސް އަހަރެން އަންނާނީ ޒައިނާ ވަރިކޮށްފަ އެތާ ބަހައްޓާފަ. އޭރުން އަހަރެމެން ދެ މީހުންނަށް އެކުގައި މާ ލޯބިން އުޅެވޭނެ. އަހަންނާއެކު އުޅެން ފެށީމަ، އަރޫއަށް އަހަރެންދެކެ ހަގީގަތުގައިވެސް ލޯބި ވެވޭނެ. އަހަރެން އެ ޔަގީންކަން ދެން." ނަދީމް އެހެން ބުނެ، ތެދުވެއްޖެއެވެ. އެ ވަގުތު އޭނާގެ ފޯނު ރިންގްވާން ފެށިއެވެ.
" ކަންތަކާ ޖެހުނީއޭ. ލޯ މަތިން ގެއްލޭ އިރަށް ގުޅަން ފަށާނެ. އަހަރެން ޒައިނާދެކެ ލޯތްބެއް ނުވޭ. މިހާރު އަދި އަމުދުން އޭނަ ބޭނުމެއް ނޫން." ފޯނު ކަނޑާލުމަށްފަހު، ނަދީމް ބުނެލީ އަރޫޝާއާ ދިމާލަށް ގުދުވެލަމުންނެވެ. އަރޫޝާގެ މޫނާ، މޫނު ކައިރިކޮށްލުމާއެކު އަރޫޝާ ބާލީހުން މޫނު ފޮރުވާލީ ނުހަނު އަވަހަށެވެ.
" ލަދުންތަ؟ ނޫނީ ހިތްހަމަ ނުޖެހިގެންތަ؟" ނަދީމް އެހިއެވެ.
އަދިވެސް ނަދީމް އެ ކޮޓަރިން ދާކަށް ނޫޅެޔޭ ހިތަށް އަރައި އަރޫޝާ ރުޅި ގަދަވިއެވެ. އެއްވެސް އެއްޗެއް ބުނުމެއް ނެތި އޭނާ އެ އޮތް ގޮތަށް އޮއްވާ، ދެން އިވުނީ ނަދީމް އެ ކޮޓަރީގެ ދޮރު ލެއްޕި އަޑެވެ.
ފެންމާގަނޑު ދޫކޮށްލުމަށްފަހު އަރޫޝާ ފެންވަރަން ފެށީ ރޮމުންނެވެ. ސައިބޯނި ފުޅި ގަޔަށް އޮއްސާލުމަށްފަހު، އޭނާ ގައި އުނގުޅަން ފެށީ ނުހަނު ބާރަށެވެ. އޭރު އޭނާގެ ލޯ ކުރިމަތީގައި ރަހުމަތް ނެތް ގޮތަކަށް ނަދީމް އޭނާގެ ކިބައިން އުފާތައް ފޭރުނު ގޮތް ސިފަވަމުން ދާ ކަހަލައެވެ. ނަދީމްގެ ކޮންމެ ބީހިލުމަކީ އޭނާއަށް ލިބުނު އަނިޔާއެކެވެ. ހިތަށް ލިބުނު އިތުރު ތަކުލީފުތަކެކެވެ. ދާއިންގެ ހައްގުގައި ދާއިންގެ ލޯތްބަށްޓަކައި އޭނާ ވޭތު ކުރި ހުރިހާ ދުވަސްތަކެއް ބޭކާރުވީއޭ ހިތަށް އަރައި އަރޫޝާއަށް އިތުރަށް ގިސްލެވެން ފެށިއެވެ. މޫނުގައި ދެ އަތުން އަތް އަޅައިގެން ހުރެ އަރޫޝާއަށް ބާރަށް ރޮއިގަނެވުނީ ހިތަށް ކުޅަދާނަ ނުވެގެންނެވެ. ހިތްދަތިކަމުގެ އަސަރުތައް ހިތުގައި ވަޒަންވެރިވީތީއެވެ. އަދި އޭނާގެ އުއްމީދުތައް ވިއްސިވިހާލި ވީތީއެވެ.
ލޯގަނޑުކުރިމަތީގައި ހުރެ އަރޫޝާ ބަލަމުން ދިޔައީ އޭނާގެ ދުޅަވެފައިވާ މޫނަށެވެ. ދެ ލޯ ހުރީ ރަތްވެގެން ގޮސް ފުއްޕާފައެވެ. ދެ ތުންފަތް ވަނީ ކުރަކިވެ ހިކިފައެވެ. މޫނުމަތީގައި ދިރުމެއް ނެތް ކަހަލައެވެ. ކަރުނައިން ތެތްވެ، ތަތްވެފައިވާ އެސްފިޔަތަކުގެ ތެރެއިން އޭނާއަށް އޭނާގެ ސޫރަ ފެންނަނީ ނުސާފުކޮށެވެ.
" އަހަރެން ދާއިންއަށް ދައްކާނީ ކޮން މޫނެއް؟ ދޭނީ ކޮން ޖަވާބެއް؟ މި ޖިސްމު، މި ލޯބި، މި ހިތް އަދި މި އިއްފަތަކީ ހަމައެކަނި ދާއިންއަށްޓަކައި އަހަރެން ރައްކާކުރަމުން އައި އެއްޗެހި. އެންމެ ސިކުންތަކުން އޭނަ އެ ދިޔައީ މި ހުރިހާ އެއްޗެއް އޭނަގެ ބާރުން އެ މުށުގެ ތެރޭގައި ޗިސްޗިސްކޮށްފައި. ތެދެއް! އަހަރެންގެ ހައްގުވެރިޔަކީ އެއީ. އެކަމަކު... އަހަރެންގެ ލޯތްބަކީ އޭނައެއް ނޫނޭ. ދާއިންއޭ. ދާއިންދެކެ އޭ އަހަރެން ލޯބިވަނީ. އަހަރެން ބޭނުންވަނީ ވެސް ދާއިންއޭ. ދެން ކީއްވެ އަހަރެންގެ ތަގްދީރުގައި އޭނަގެ ނަން އެ އޮތީ. ކުޑަ ހިނދުކޮޅަކަށް ވެސް އޭނަ އަހަރެންގެ ދިރިއުޅުމުގައި ހުންނާކަށް އަހަރެން ބޭނުމެއް ނޫން. އަމުދުން މިހާރަކު ބޭނުމެއް ނޫން." އަރޫޝާއަށް ވާހަކަ ދެއްކުނީ ހުދު އޭނާގެ އަމިއްލަ ސޫރައާއެވެ. އަރޫޝާ ހުރީ ދުނިޔެމަތިން ވެސް ފޫހިވެ، އަމިއްލަ ނަފްސުދެކެ ވެސް ރުޅި ގަދަވެފައެވެ.
" ދާއިން ގާތު މި ވާހަކަ ބުނާނެ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތް. އަހަންނަކަށް ދާއިން ގާތު މި ވާހަކައެއް ނުބުނެވޭނެ. އޭނަ ބަރުބާދު ވެދާނެ. އޭނަ މޮޔަވެދާނެ. " މޫނުގައި ދެ އަތް އަޅައި އަނެއްކާ ވެސް އަރޫޝާއަށް ރޮވުނެވެ.
ހެނދުނު ނުވައެއް ޖަހާ ބޮޑު ވީ އިރު ވެސް އަރޫޝާ ކޮޓަރިއަކުން ނުނިކުތެވެ. އެކަމާ ކަންބޮޑުވެފައި ހުރި ރިޒާ، އަރޫޝާއަށް ގުޅާލީ އަރޫޝާ ބަލިވެ އުޅޭކަން ކުރިން އެނގިފައި އޮތުމުންނެވެ.
" ބައްޕަ މިއައީ ބިސްކޯދު ގަނެގެން. ދަރިފުޅު ދެން އެއްޗެއް ކާލަން ނިކުންނަން ވީއެއްނު." ރިޒާ ބުންޏެވެ.
ރިޒާގެ އަޑު ކަންފަތުގައި ޖެހުމާއެކު އަރޫޝާއަށް ފުންމައިގެން ތެދުވެވުނެވެ.
" ބިސް...ބިސްކޯދޭ؟ " އަރޫޝާއަށް ބުނެވުނީ ހައިރާންކަމާއެކުއެވެ.
" އާނ ދަރިފުޅު ނުނިކުންނާނީ ބަލިވީމަކަން ބައްޕައަށް އެނގެޔޭ. އެހެންވެ ކާލަން އެއްޗެއް ގަނެލައިގެން މިއައީ. " ރިޒާ ބުންޏެވެ.
މި ފަހަރު ރިޒާ އެހެން ބުނުމުން ނަދީމްއާއި ޒައިނާ ދިޔައީކަން އަރޫޝާއަށް ޔަގީން ކުރެވުނެވެ.
" މި ނިކުންނަނީ ބައްޕާ." ފޯނު ބާއްވަމުން އަރޫޝާ ބުނެލިއެވެ.
އެއާއެކު ފޯނަށް ލިބިފައި ހުރި ނަދީމްގެ މެސެޖްތައް ވެސް ހަމަ އެވަގުތު އޭނާއަށް ފެނިއްޖެއެވެ. ހިތަށް ފޫހިކަން ވެރިވި ނަމަވެސް، އޭނާއަށް މެސެޖްތައް ކިޔާލެވުނެވެ. އަރޫޝާދެކެ އިތުރަށް ލޯބިވެވުނުކަމާއި އޭނާއަށް އިންތިޒާރު ކުރުމަށް ތަކުރާރުކޮށް ނަދީމް ލިޔެފައި ހުއްޓެވެ.
އަރޫޝާ ހުރިހާ މެސެޖެއް ޑިލީޓްކޮށްލީ އޮޅިގެން ވެސް ދެ ވަނަ ފަހަރަށް އެ މެސެޖްތައް ކިޔަން ބޭނުން ނުވާތީއެވެ.
ޑިޔުޓީ ނިންމާލުމަށްފަހު ދާއިން އައިސް އެނދުގައި ޖައްސާލީ ވަރުބަލިކަމާއެކުއެވެ. ކުޑައިރުކޮޅަކު އޭނާ އެހެން އޮވެލުމަށްފަހު ފޯނު ނަގައި ސްކްރީނަށް ނަޒަރު ހިންގާލިއެވެ. ވަގުތަކީ ނަދީމް ގުޅަން ފެށި ވަގުތެވެ. ނަދީމްގެ ނަމަށް ބަލަން އޮވެފައި އޭނާ ފޯނު ނެގީ ހިތްހަމަ ޖެހިގެންނެއް ނޫނެވެ. މިހާރަކަށް އައިސް އޭނާގެ ހިތް ނަދީމްއާމެދު އޮންނަނީ ކޮންމެވެސް ވަރަކަށް ކިލަނބުވެފައެވެ.
ފޯނު ނެގުމާއެކު ނަދީމް ދެއްކީ އޭނާ އެމެރިކާއަށް ދާ ވާހަކަތަކެވެ. އެއާއެކު ދާއިންގެ ހިތް އަވަސް ވިއެވެ. މި ފަދަ ވަގުތެއްގައި އަރޫޝާއާ ފަސޭހައިން ބައްދަލް ކުރެވޭނެ ކަމުގައި އޭނާގެ ސިކުނޑި ގަބޫލު ކުރިއެވެ.
" ކޮއްކޮ ގާތު އަދި ސިއްރެއް ބުނަންތަ؟" ނަދީމް ބުންޏެވެ.
ދާއިން ހޫމް އަޅުވާލިއެވެ.
" ނަދީމްބެ މިފަހަރު ގޮސް އެނބުރި އަންނާނީ ޒައިނާ އޭނަގެ މައިންބަފައިން ކައިރީ ބަހައްޓާފަ. މި ބުނީ އޭނަ ދޫކޮށްލާފަ އަންނާނީ." ނަދީމް ބުނެލިއެވެ.
" އެޔޯ؟ އެ ކިހިނެއްވެގެން؟" ދާއިންއަށް ލިބުނު ކުއްލި ޝޮކާއެކު އޭނާއަށް ސުވާލު ކުރެވުނީ ވެސް ނުހަނު ބާރަށެވެ.
" އެއީ އިނދެގެން އުޅެވޭ ކަހަލަ އަންހެނެއް ނޫނޭ. މާ ޝަކުވާ ބޮޑީ. އަރޫޝާއާއެކު އުޅެން ހާދަ ފަސޭހައޭ ބޭބެއަށް. އެ ކަހަލަ އަނތްބަކު ލިބޭނީ ވަރަށް ނަސީބު ރަނގަޅު މީހަކަށް. އެހެންވެ، ދެން ޒައިނާ ވަރިކުރީމަ ޓެންޝަން ފިލާނެ އެއްނު. އެހެން ނޫނަސް ކިހިނެއް އަބަދު އެމެރިކާއަށް ދުވާނީ؟" ނަދީމް ބުންޏެވެ.
ނަދީމްގެ ވާހަކައިން އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެންކަން ދާއިންއަށް ފާހަގަ ކުރެވުނެވެ. މީގެ ކުރިން ނަދީމްއަކީ ފޯނުން ގުޅައިގެން އެ ބާވަތުގެ ވާހަކަ ދައްކާ އުޅުނު މީހެއް ނޫނެވެ. މިހާރު ނަދީމްގެ މިޒާޖަށް ވެސް ބަދަލް އަންނަން ފަށައިފިކަން ދާއިންއަށް ވިސްނުނެވެ. ދާއިން ހުރީ އަރޫޝާއާ ގުޅޭ ގޮތުން ސުވާލު ކުރާ ހިތުންނެވެ. ނަމަވެސް އޭނާ ހުއްޓުވީ އޭނާގެ ޟަމީރެވެ. އަރޫޝާގެ ވާހަކައެއް މިހާރު ނަދީމްގެ ދުލުން އިވުނަސް ލިބޭނީ އިތުރު ހިތްދަތިިކަމެއްކަން އޭނާއަށް އެނގުނެވެ.
" ކޮއްކޮ ވެސް ދެން އަވަހަށް މީހަކާ އިންނަންވީ އޭ! އަދިވެސް އެކަހަލަ ކަމަކާ ނުވިސްނަންތަ؟" ނަދީމް އަހާލިއެވެ.
ޖަވާބު ދޭން އުނދަގޫވި ނަމަވެސް ދާއިން ބޭނުންވީ ހަމަޖެހޭގޮތް ދައްކާށެވެ.
" ދެން އެއީވެސް ކުރަންޖެހޭނެ ކަމެއްތާ! ނަދީމްބެ ކިހާ ދުވަހެއް ވާނެ އެމެރިކާގަ؟" ދާއިން ހުރީ އެ ސުވާލުގެ ޖަވާބު ބޭނުން ވެފައެވެ.
" އަދި ނޭނގެ. ވީހާ ވެސް އަވަހަކަށް އަންނަން ބޭނުން ވަނީ." ނަދީމް ބުނެލިއެވެ.
އަރޫޝާއާ އެކު ދިރިއުޅުން އާރާސްތުކުރަން ނަދީމް ވިސްނާފައި ހުރިކަން އެނގި ދާއިން ނުހަނު ކަންބޮޑުވެއްޖެއެވެ. ފޯނު ބޭއްވުމާއެކު ލަސްނުކޮށް އޭނާ އަރޫޝާއަށް ގުޅިއެވެ. މިހާރު ބޭނުން ކޮންމެ ވަގުތަކު، އަރޫޝާއަށް ގުޅޭނެކަން ދާއިންއަށް ޔަގީން ކުރެވުނެވެ. ދެ ތިން ފަހަރު ގުޅުމުން ވެސް އަރޫޝާ ފޯނެއް ނުނެގިއެވެ.
އިރު އޮއްސުނު އިރު ވެސް އަރޫޝާ ދާއިންއަށް ނުގުޅުމުން ދާއިން އަނެއްކާ ވެސް އަރޫޝާއަސް ގުޅިއެވެ. ކޮންމެ ފަހަރަކު ވެސް ފޯނު ކެނޑެނީ ދާއިންގެ ނަމަށް އަރޫޝާ ބަލަން އިންދައެވެ.
" އަރޫ ފޯނު ނުނަގަނީ ކީއްވެތަ؟" ދާއިންގެ މެސެޖް ކިޔާލުމަށްފަހު އަރޫޝާ ހިންދިރުވާލިއެވެ. ދެރަވީ ނަމަވެސް ދާއިންއަށް އެއްވެސް ހަބަރެއް ވާކަށް އަރޫޝާ ބޭނުމެއް ނުވިއެވެ. ދާއިންއާ ވާހަކަ ދައްކަން އޭނާ މިހާރު ފަސްޖެހެއެވެ. ލަދުގަނެއެވެ. އަދި އުނދަގޫވެއެވެ. ދާއިންގެ ކުރިމަތީގައި އޭނާއަކީ ކުއްވެރިއެއްކަމުގައި އިހުސާސް ކުރެވެން ފެށީއެވެ.ދާއިންއަށް އިންތިޒާރު ކުރަން އޭނާ އެދުނު ހަނދާންވާ ކޮންމެ ފަހަރަކު އަރޫޝާގެ ދެ ލޮލުން ކަރުނަ ހިލެއެވެ.
" އަހަންނަށް ހީވަނީ ނަދީމް އެމެރިކާއަށް ދެވޭތީ ވަރަށް ހިތްހަމަ ޖެހިފައި ހުންނަހެން." ޒައިނާ ބުންޏެވެ.
އޭނާ އޮތީ ނަދީމް ގާތު އޮށޯވެލައިގެންނެވެ. ޒައިނާ އެހެން ބުނުމުން ނަދީމްގެ މޫނުމައްޗަށް ހިނިތުންވުން ވެރިވެއްޖެއެވެ. ހަގީގަތުގައި ޒައިނާއަށް އެ ކުރެވުނީ ކުށްހީއެކެވެ. ނަދީމްގެ ހިތްހަމަ ޖެހުމަކީ ހަމައެކަނި އަރޫޝާކަން މިހާރު ނަދީމްއަށް އިހްސާސް ކުރެވެއެވެ. އޭނާގެ އުފާވެރި ކަމަކީ އޭނާ މި ވަގުތު ދެކެމުންދާ ހުވަފެނެވެ. ނަދީމް ބޭނުންވަނީ ނަދީމްގެ އަނތްބެއްގެ ގޮތުގައި ހަމައެކަނި އަރޫޝާ ހުރުމަށެވެ.
މި ދަތުރަކީ އޭނާ ޒައިނާއަށް އަލްވަދާޢު ކިޔާނެ ދަތުރެއްކަމެއް ޒައިނާއަކަށް ނޭނގެއެވެ. ޒައިނާވެސް ނަދީމްއާއެކު މުޅި އުމުރު ހޭދަކުރެވޭނެ އަލިމަގެއް ފެނޭތޯ ލައްކަ މަސައްކަތް ކުރަމުންދެއެވެ. ދެ މީހުންގެ މަންޒިލް މިހާރު އޮތީ ދެކަފި ވެފައެވެ. އެކަން ހުދު އެ މީހުންނަކަށް ވެސް ނޭނގެއެވެ.
" ކީއްވެ އެއްޗެއް ނުބުނީ؟ ފާޑަކަށް ހެވިފައޭ އަބަދު ތި ހުންނަނީ." ޒައިނާ އަނެއްކާ ވެސް ބުނެލިއެވެ.
" އާނ ދެން އުފާވާނެ އެއްނު." ނަދީމް ދިނީ ކުރު ޖަވާބެކެވެ. ނަދީމްގެ ޖަވާބާއިމެދު ހިތްހަމަ ނުޖެހިފައި އޮވެ ޒައިނާ ނަދީމްގެ މޫނަށް ބަލައިލިއެވެ.
" ކޮން ފިކުރެއްގައިތަ ތި އޮންނަނީ؟ " ޒައިނާ އެހިއެވެ.
" ފިކުރެއް ނުކުރަމޭ. ދެން ހަމަ ޝަކުވާއެއް ކޮށްނުލާ ނޯވެވޭތަ؟" ނަދީމް މި ފަހަރު ވާހަކަ ދެއްކީ ރުންކުރު ގޮތަކަށެވެ.
" އާނ ދެން. އަހަރެން މިހެން ބުނީމަ ތި ގޯސްވީ؟ ކޮޓަރި އެއް ކަނާ ދިމާލަށް ބަލަހައްޓައިގެން ހެވިފައި އޮންނާތީ ބިރުންނޭ މި އަހަނީ؟ އަނެއްކާ އެ ދިމާލުން ޖިންނި އެއް ފެންނަނީތަ؟" ޒައިނާ ހުރީ ކުރިއަށް ވުރެ ބޮޑަށް ރުޅި އައިސްފައެވެ.
" ތިއޭ ޒައިގެ މައްސަލައަކީ. އަހަރެން އުޅޭ ނޫޅޭ ގޮތާ ބެހުނަސް، އަހަރެންގެ އެކްސްޕްރެޝަނާ މޫޑާ ނުބެހިބަލަ! އުފާވެ، ހިތްހަމަޖެހުމުގެ ހައްގެއް ވެސް މަށަކަށް ނެތް. ދެން ބުނާނެ ރުޅި އަންނަނީއޭ." ނަދީމް ބުނެލީ ފޫހި ގޮތަކަށެވެ.
އޭނާ އިތުރަށް ޒައިނާ ކައިރީ އޮންނާކަށް ވެސް ބޭނުމެއް ނުވިއެވެ ކުއްލިއަކަށް ތެދުވެގެން ގޮށް ފާހާނާއަށް ވަނުމާއެކު ޒައިނާވެސް ތެދުވެ، އެނދުގައި އިށީނދެލިއެވެ.
" ދެން ތިހެން ރުޅި ގަދައެއް ނުވެވޭނެ. މަޑުމަޑުން އައިސް އަހަރެންގެ މުށުދަށަށް ވަންނަން މާ ގިނަ ދުވަހެއް ނެތް."
އެއް މިޔަކަނުން ހީލަމުން ޒައިނާ ބުނެލިއެވެ.
ޖެހިގެން އައި ދުވަހެވެ. ވިއްސާރަ ވިލާއިން އުދަރެސް އޮތީ ބަނަކޮށް، ބައްދާފައެވެ. ދުނިޔެމައްޗަށް ވަނީ އަނދިރި ހިޔަލެއް ވެރިވެފައެވެ. ތެތްފިނި ވައިގެ އިހްސާސުން މުޅި ދުވަސް، އެހާމެ އަރާމެވެ.
އަރޫޝާ އޮތީ ގޯތި ތެރޭގައި ހުރި ޖޯލިފަތީގައެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އުޑުމައްޗަށެވެ. ދިރިއުޅުމާމެދު ވިސްނުން ނޫން ކަމެއް އޭނާގެ ހިޔާލަކު ނެތެވެ.
ކުއްލިއަކަށް އެ ހަމަހިމޭން މާހައުލު ފޫއަޅުވާލީ ދޮރާށި ހުޅުވުމާއެކު އިވުނު ތޫލި އަޑަކުންނެވެ. ފަރުވާކުޑަ ގޮތަކަށް އަރޫޝާއަށް އެ ދިމާލަށް ބަލައިލެވުނެވެ. އެއާއެކު އިން ތަނުން ފުންމައިގެން ތެދުވެ، ދެ ލޯ ބޮޑުކޮށް ބަލަން ހުރެވުނެވެ.
ބޮޑު ދަބަހެއް ކޮނޑުގައި އަޅުވައިގެން ހުރި ދާއިން ފެނުމާއެކު އަރުޝާއަށް ހަދާނެ ގޮތް ހުސްވި ކަހަލައެވެ. ގެއަށް ވަންނަން ދުއްވައިގަންނާނީތޯ ނުވަތަަ ހުރިހާ ހުންނަންވީ ތޯ އަމިއްލަ ހިތާ އޭނާއަށް ސުވާލު ކުރެވުނެވެ. މާ ލަސްތަކެއް ނުވެ ދާއިން އޭނާއާ ދިމާލަށް އަންނަން ފެށިތަން ފެނި، ނޭވާ ހިފަހައްޓާލެވުނެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!