އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު އަދި ޢުމްރާ މިނިސްޓަރު ޑރ. ތައުފީޤު ރަބީޢާއާ ބައްދަލުކުރައްވައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިޑިއާތަކަށް މަޢުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ، މި ބައްދަލުވުމުގައި ޑރ. ޝަހީމް ވަނީ ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދެ ޙަރަމްފުޅަށް ޚިދުމަތްކުރުމުގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ޙައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ޙައްލު ކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއިން އަބަދުވެސް ދެއްވާ އެހީތެރިކަން ޑރ. ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަޢޫދީ ޢަރަބިއްޔާއާއެކު އޮންނަ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށާއި، މި ގުޅުން އަބަދުވެސް ވަރުގަދަ ކަމާއެކު ދެމިއޮންނާނެކަން ފާހަގަކުރެއްވިއެވެ.
ޑރ. ޝަހީމްގެ ވާހަކަފުޅުގައި، ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޙައްޖު މައުރަޒަކީ ޙައްޖުގެ މެނޭޖްމަންޓަށް ޒަމާނީ ވިސްނުން ގެނުވައިދިން ޙަރަކާތެއްކަމާއި، މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައިވެސް ޙައްޖާއި ޢުމްރާއަށް ޚާއްޞަ ކޮންފަރެންސެއް ބާއްވަން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއިން ޙައްޖުގެ ކަންކަމުގައި ބަހައްޓާ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ދަތުރުގެ ތެރޭގައި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ކޮންމެ އަހަރަކުވެސް ޤާއިމުކުރާ ޙައްޖު އެގްރީމެންޓްގައި ސޮއިކުރެވުނެވެ. މި އެގްރީމެންޓްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ ޙައްޖާއި ޢުމްރާއާބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާނު އައްރަބީޢާއެވެ.
މި އެގްރީމެންޓްގައި ވަނީ ޙައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލުތަކެވެ. މީގެ ތެރޭގައި ޙައްޖުގެ ޚިދުމަތަށް ފައިސާ ދައްކާނެ ގޮތާއި، ދިވެހިރާއްޖެއިން ޙައްޖުގެ ޚިދުމަތްދޭ ކުންފުނިތަކުން ޚިދުމަތް ދޭންޖެހޭނެ ގޮތާއި، ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ޙައްޖު މޫސުމުގައި ރާއްޖޭގެ ޙައްޖު މިޝަން ޤާއިމުކުރުން ފަދަ މުހިންމު ކަންކަން ހިމެނެއެވެ. މިއީ ކޮންމެ އަހަރަކުވެސް ސޮއިކުރެވޭ އެއްބަސްވުމެކެވެ.

ޑރ. ޝަހީމް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވީ މިނިސްޓަރ އޮފް ޙައްޖު އެންޑް ޢުމްރާ ޑރ. ތައުފީޤު ރަބީޢާގެ ދަޢުވަތަކަށެވެ. މި ޒިޔާރަތުގެ ތެރޭގައި، ޙައްޖު އެގްރީމެންޓްގައި ސޮއިކުރެއްވުމުގެ އިތުރުން، 1446 ވަނަ އަހަރު ޙައްޖު މިނިސްޓްރީއިން ބާއްވާ ޙައްޖު މައުރަޒުގައި ވަޒީރު ބައިވެރިވެ ވަޑައިގަތެވެ.
ޙައްޖުގެ އިންތިޒާމްތައް ހަރުދަނާކުރުމަށްޓަކައި އިސްލާމީ ޤައުމުތަކާ ގުޅިގެން ސަޢޫދީ ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ބައްދަލުވުމާއި އެގްރީމެންޓަކީ މި މަސައްކަތުގެ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މި ބައްދަލުވުމުގައި، ޑރ. ޝަހީމް ވަނީ ޑރ. ތައުފީޤު ރާއްޖެ ވަޑައިގެންނެވުމަށް ދަޢުވަތު ދެއްވާފައެވެ. އަދި
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!