2025 ވަނަ އަހަރު ފެށުނު އިރު ގްރޭޑް 8 އަދި 9 ގައި ތިބި ދަރިވަރުންގެ އޯލެވެލް އޮންނާނީ 2026 ވަނަ އަހަރު ކަމަށް އަންގައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިކަން ސްކޫލްތަކަށް އަންގާފައިވަނީ ސުކޫލުތަކަށް ފޮނުވި ސަރކިއުލަރ އަކުން ނެވެ.
ތަޢުލީމާ ބެހޭ ވަޒީރު ޑޮކްޓަރ ޝަފީޢު ސޮއިކޮށްފައިވާ މިސަރކިއުލަރ ގައި ބުނެފައިވަނީ، ދިރާސީ އަހަރަށް ގެނެވުނު ބަދަލުތަކާއެކު އޯލެވެލް ނިންމާ ދަރިވަރުންގެ އިމްތިޙާނުތަކަށްވެސް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.
އެގޮތުން މިހާރު ގްރޭޑް 9ގައި ކިޔަވާ ދަރިވަރުންގެ އޯލެވެލް އިމްތިޙާނު އޮންނާނީ 2026ގެ ފެބްރުއަރީ / މާރޗްގައެވެ. އަދި މިއަހަރު މިހާރު ގްރޭޑް 8ގައި ކިޔަވާ ދަރިވަރުންގެ އޯލެވެލް އިމްތިޙަނު އޮންނާނީ 2026ގެ އޮކްޓޯބަރ / ނޮވެމްބަރ ގައެވެ. މިހާރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުންގެ އޯލެވެލް އިމްތިޙާނަކަށް ބަދަލެއް ނުގެނެއެވެ. ގްރޭޑް 10 ގެ އިމްތިޙާނު އޮންނާނީ މިއަހަރު މެއި / ޖޫން ގައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވާ ގޮތުގައި 2026ގެ ދިރާސީ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައިވެސް އޯލެވެލް އިމްތިޙާނު އޮންނާނީ އޮކްޓޯބަރ / ނޮވެމްބަރ ގައި ކަމަށެވެ.
މިދިޔަ އަހަރުގެ އިމްތިހާނުގައި 7،501 ދަރިވަރުން ބައިވެރިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!