މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެވި، އުދުހުންތައް ފެށޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު މިއަދު ރާއްޖެ ގެނައުމާ ގުޅިގެން މިއަދު ވަނީ ޚާއްޞަ ހަފުލާއެއް ބާއްވާފައެވެ. މި ހަފްލާގައި ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އަދި އެއާބަސް އޭ330-200 ވަނީ ރަސްމީކޮށް އިފްތިތާޙު ކޮށްފައެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި އޮޕަރޭޝަންތައް ފެށުމާއެކު، ޤައުމީ އެއާލައިނުން ދަތުރުކުރާ މަންޒިލްތައް އިތުރުވެ، ދިވެހި އިޤްތިޞާދު ފުޅާކުރުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ފަތުރުވެރިކަމާއި އުދުހުމުގެ ސިނާޢަތަށް ވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މި އަހަރަކީ އައިލެންޑް އޭވިއޭޝަނާއި އެމް.އޭ.ސީ.އެލް އަށް އިތުރު ކުރިއެރުންތަކެއް ގެނެސްދޭނެ އަހަރެއް. ކުރިއަށް މި އޮތީ ތަރައްޤީގެ ދުވަސްތައް. މި އަހަރު ރައްޔިތުންނަށް ފެނިވަޑައިގަންނަވާނީ އިޤްތިޞާދީ، އިޖުތިމާޢީ، އަދި ޢުމްރާނީ ގޮތުން ވެސް ތަރައްޤީގެ ޢަމަލީ މަންޒަރުތައް،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭ މަންޒިލްތަކަށް ޤައުމީ އެއަރލައިނުން ސީދާ ދަތުރުތައް ފެށުމަށް ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން ތަޢާރަފްކުރުމަށް ސަރުކާރުން ނިންމެވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މިއީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
މޯލްޑިވިއަނުން ގެނައި ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓަކީ 3 ކުލާސް ހިމެނޭ (އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސްގެ އިތުރުން ޕްރިމިއަމް ކްލާސް) 264 ގޮނޑީގެ މަތިންދާބޯޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!