ރަށު ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަކާ 4 ޒުވާނެއް ރާއްޖޭގެ މީހުން ދިރިއުޅޭ 185 ރަށަކަށް ކުރަން ހަމަޖެހިފައިވާ "ހާޓުސީން" ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ތިލަދުންމަތިން ނެވެ.
އެގޮތުން ހާޓުސީންގެ ސީޒަން ވަންގެ ގޮތުގައި ދަތުރުކުރަން ހަމަޖެހިފައިވަނީ ހއ ހދ އަދި ށ އަތޮޅުގެ ރަށްތަކަށެވެ. ދަތުރުތައް ރާވާފައިވަނީ ތިން ރަށުން ތިންރަށުން ބަހާލައިގެން ފަހަރަކު ރަށެއް ނިންމާ އަތޮޅުގެ ހުރިހާ ރަށެއް ކަވަރ ކުރާ ގޮތަށެވެ.
ފެބުރުއަރީ 1 ގައި ފެށުމަށް ހަމަޖެހިފައިވާ މިދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ޒުވާން ޓީމުން ނިންމާފައިވަނީ ތުރާކުނު، އުލިގަމު އަދި ހޯރަފުއްޓެވެ.
ފެބުރުއަރީ 8 ވަނަ ދުވަހު ތަކަންދޫއަށް ދަތުރުފަށާއި ދެން ދިއުމަށް ހަމަޖެހިފައިވަނީ ދިއްދޫ އަދި ވަށަފަރަށެވެ. ފެބުރުއަރީ 15 ގައި ކެލާ، ފިއްލަދޫ އަދި މުރައިދޫއަށް ދަތުރު ކުރާއިރު ފެބުރުއަރީ 22 ވަނަ ދުވަހު އުތީމު، ބާރަށް އަދި މާރަންދޫ އަށެވެ.
މާރިޗްމަހުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ 4 ވަނަ ދުވަހު މޮޅަދޫ، އިހަވަންދޫ އަދި ހަނިމާދޫއެވެ. ހދ އަތޮޅުގެ ދަތުރުތައް އަދި ށ އަތޮޅުގެ ދަތުރުތައްވެސް ކުރުމަށް ހަމަޖެހިފައިވަނީ 3 ރަށް ހިމެނޭހެންނެވެ.
ނޮޅިވަރަންފަރު، ނޮޅިވަރަމު، ފިނޭ
ހިރިމަރަދޫ، ނެއްލައިދޫ، ނައިވާދޫ
ކުމުންދޫ، ވައިކަރަދޫ، ކުރިނބީ
އޭޕްރީލް މަހުގެ ދަތުރުތައް ކުޅުދުފުށި ސިޓީއިންނެވެ.
ނޭކުރެންދޫ، މަކުނުދޫ
ކަންޑިތީމު، ނޫމަރާ، ގޮއިދޫ
ފޭދޫ، ފޯކައިދޫ، ބިލެއްފަހި
ފީވަށް، ނަރުދޫ، މިލަންދޫ
މަރޮށި، ޅައިމަގު، ފުނަދޫ
މާއުންގޫދޫ އަދި ކޮމަންޑޫއިން ފުރަތަމަ ސީޒަން ނިންމާލަން ޓާގެޓް ހިފާފައިވަނީ މޭ މަހުގެ 11 ވަނަ ދުވަހަށެވެ.
މިދަތުރު އިންތިޒާމުކުރާ ޒުވާން ޓީމާއި އެކި ރަށްރަށުގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން އަދި މިޓީމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެޓީމުން މަޢުލޫމާތު ދެއެވެ. މިޓީމުން ކުރާ ވީޑިއޯ ތަކުގައި ގެސްޓުހައުސްތަކާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ކަންކަން ހިމަނަށް ބޭނުންވާނަމަ "ހާޓުސީން" ގެ ފޭސްބުކް ޕޭޖްއަށް މެސެޖު ކުރެއްވުން ނުވަތަ އީމެއިލް haatoseenu@gmail.com ކުރެއްވުމަށް އެދެއެވެ. މިޓީމުގެ ހޮޓްލައިން އަކީ 7739199 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!