އެމެރިކާއިން ޓައިވާނަށް 571.3 މިލިއަން ޑޮލަރުގެ ދިފާއީ އެހީ ދޭން ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން މިއެހީ ދިނުމަށް ހުއްދަ ދެއްވާފައިވާއިރު، މީގެ އިތުރުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވެސް ވަނީ ޓައިވާނަށް 265 މިލިއަން ޑޮލަރުގެ އަސްކަރީ އާލާތްތައް ވިއްކުމަށް ހުއްދަ ދީފައެވެ.

Ad
rt

އެމެރިކާއާއި ޓައިވާނާ ދެމެދު ރަސްމީ ޑިޕްލޮމެޓިކް ގުޅުމެއް ނެތް ނަމަވެސް، އެމެރިކާގެ ޤާނޫނުގެ ދަށުން ޓައިވާނަށް އަމިއްލަ ދިފާއަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ލާޒިމުކުރެއެވެ. މިކަމަކީ ބީޖިންގގެ ކަންބޮޑުވުން އަބަދުވެސް އޮންނަ މައްސަލައެކެވެ.

ޑިމޮކްރެޓިކް ވެރިކަމެއް އޮންނަ ޓައިވާނުން ވަނީ ޗައިނާގެ ބާރުވެރިކަމުގެ ދަޢުވާތަކަށް ދެކޮޅުހަދާފައެވެ. އެހެންނަމަވެސް، ޗައިނާއިން ވަނީ ޓައިވާނާ ދެކޮޅަށް އަސްކަރީ ޙަރަކާތްތައް އިތުރުކޮށް، މިއަހަރު ދެފަހަރެއްގެ މަތިން ހަނގުރާމައިގެ ފަރިތަކުރުންތަކެއް ހިންގާފައެވެ.

ވައިޓް ހައުސްގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ރައީސް ބައިޑަން ވަނީ ސްޓޭޓް ސެކްރެޓަރީއަށް ޓައިވާނަށް އެހީތެރިވުމަށްޓަކައި 571.3 މިލިއަން ޑޮލަރުގެ ދިފާއީ ތަކެއްޗާއި ޚިދުމަތްތަކާއި އަސްކަރީ ތަމްރީނުތައް ފޯރުކޮށްދިނުމުގެ ބާރު ދީފައެވެ.

ޓައިވާނުގެ ދިފާއީ މިނިސްޓްރީން ވަނީ އެމެރިކާގެ "ވަރުގަދަ ސަލާމަތީ ޔަޤީންކަން" އަށް ޝުކުރު އަދާކޮށް، ދެ ޤައުމުން ޓައިވާން ހަނިކަނޑުގެ ސުލްޙަ ޤާއިމުކުރުމަށް ސަލާމަތީ ކަންކަމުގައި ގާތުން މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ.