ޤައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން އަންނަ ފެބްރުއަރީ އިންޓޭކްގައި ހިންގާ ކޯސްތައް އިޢުލާންކޮށްފައިވާއިރު، އެތަނުން އެއް ކޯހަކީ ''މާސްޓަރ އޮފް ދިވެހި ލޭންގްއޭޖު އެންޑް ކަލްޗަރ'' ކޯހެވެ.

ދިވެހި ބަހާއި ސަގާފަތް އުނގަންނައިދޭ މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލައި ޤައުމީ ޔުނިވަސިޓީންކޮށްފައިވާ އިސްތިހާރުގައި ބޭނުންކޮށްފައި ވަނީ ދިވެހިވަންތަކަމާއި ބީރައްޓެހި، އެހެން ކަރައެއްގެ ކަނޑުއުޅަނދެއްގެ ކުރެހުންކަމުން ބައެއް ފަރާތްތަކުން އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Ad
rt

މިގޮތުން ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރަށްވަމުން ގެންދަވާ، ދިވެހި ބަހާއި ދިވެހި ތާރީޚްގެ އެދުރެއް އޭނާގެ ފޭސްބުކްގައި ޤައުމީ ޔުނިވަސިޓީގެ މި އިސްތިހާރު ހިއްސާކުރަށްވައި، އަންނަނިވިފަދައިން ވަނީ ސުވާލު އުފައްދަވާފައެވެ.

''ދިވެހިންގެ ސަގާފަތާއި ދިވެހިންގެ މަސައްކަތްތެރިކަން ރަމްޒުކޮށްދިނުމަށް ގައުމީ ޔުނިވާސިޓީން ބޭނުންކޮށްފައިވާ ކުރެހުމުން މިދެންނެވި ކަހަލަ އަސަރެއް އެބަފެނޭތޯ؟'' އޭނާ ސުވާލުކުރަށްވާފަވެއެވެ.

''އަހަރެންނަށް ފެންނަނީ އަވައްޓެރި ބައެއް ގައުމުތަކުގެ މަސްވެރިން ގެންގުޅޭ ކަހަލަ ބިދޭސީ އޮރުވާގަޑެކެވެ. ދިވެހި އުޅަނދެއް ބޮނބި އަރިއެއްހެން ދެކޮޅު އަރާފައެއް ނުހުންނާނެއެވެ. ގައުމީ ޔުނިވަރސިޓީއަށްވެސް އެވަރު މޭރުންވާންވާނެއެވެ.'' އޭނާ ލިޔުއްވާފައި ވެއެވެ.

މި ކަންބޮޑުވުމާއި ގުޅިގެން ސުވާލުކުރުމުން އޭނާ ވިދާޅުވީ، ބޮއްކުރާ، ބައްތެލި، ދޯނިފަހަރަކީ ދިވެހިން ވަކިގޮތަކަށް ފަރުމާކުރާ ތަކެތިކަމަށެވެ. އަދި އެއީ ދިވެހިންގެ މަސައްކަތްތެރިކަމުގެ ރަމްޒެއް ކަމަށެވެ. އަދި އޭޝިޔާގެ އެހެން ތަންތަނާއި ދިވެހިރާއްޖެ ތަފާތުވާ އެއްކަމަކީ ވެސް ދިވެހިންގެ ހުނަރުން ފުރިގެންވާ ކިއްސަރުވަޑާންކަން އޭނާ ފާހަގަކުރެއްވިއެވެ.

''ދިވެހިންގެ ސަގާފަތާއި މުރާލިކަމާއި ހުނަރުވެރިކަން ދައްކަން ކައިރި ބައެއް ގައުމުތަކުގައި ގެންގުޅޭ ކަހަލަ އޮރުވާގަޑެއް ކުރަހައިލައި އިޝްތިހާރުކުރުމަކީ ދެން ހާދަހާ ލަދުވެތި ކަމެކެވެ. ގައުމީ ޔުނިވަރސިޓީގެ ގައުމީވަންތަކަން ކޮބައިތޯއެވެ؟'' އޭނާ ސުވާލުކުރަށްވާފައިވެއެވެ.

މި ކުރެހުން އެ އިސްތިހާރުގައި ބޭނުންކޮށްފައިވަނީ ނޭނގިގެން ނޫންކަމަށް ދެކިވަޑައިގަންނަވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޤައުމިއްޔަތު އާލާކޮށް، ދިރުވާ ދުވަސްވަރެއްގައި ޤައުމީ ތަޢުލީމުގެ މައި އެއް އެދުރުގެއިން މިފަދަ ކޯހެއްގެ އިސްތިހާރެއްގައި ބޭރު ކަރައެއްގެ އުޅަނދެއްގެ ކުރެހުން ބޭނުންކުރުމަކީ ރަނގަޅުގޮތް ނޫންކަމަށް މި މައުލޫގައި ވާހަކަދެއްކެވި ބޭފުޅުން ފާހަގަކުރެއްވިއެވެ. މިއަކީ ޤައުމީ ވާހަކައެކެވެ.