ދުރޫސުލް އަޚްލާޤު: ތުނިތުނި ބޯ ފޮތެއް

dhuroosul ahlaag

Picture of ޢަބްދުﷲ ސަޢީދު

ޢަބްދުﷲ ސަޢީދު

ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާޖެންޓް މޭަޖަރ ޢަބްދުﷲ ސަޢީދަކީ، ހުނަރުވެރި މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ދިރާސީ ލިޔުންތައް ލިޔުއްވުމުގައި ފަންނުވެރި ކުޅަދާނަ ލިޔުންތެރިއެކެވެ. ބަހަވީ އަދަބީ ތާރީޚީ ސަގާފީ ޚިދުމަތްތަކުންވެސް ގައުމީގޮތުން ފާހަގަކުރެވޭ، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

ދުރޫސުލް އަޚްލާޤު މި ފޮތަކީ އުސްތާޛުލް ޖީލް، އައްޝައިޚުލް އުސްތާޛު މުޙައްމަދު ޖަމީލް ދީދީ 23 ޝައުބާން 1358 (07 އޮކްޓޫބަރު 1939) ގައި ލިޔުއްވާފައިވާ ވަރަށް ތުނިތުނި އެކަމަކު އަޅުގަނޑުގެ ނަޒަރުގައި "ވަރަށް ބޯ" ފޮތެކެވެ.

އާންމުކޮށް ހުރިހާ ދިވެހީންނަށް ޚާއްޞަކޮށް އޭރުގެ މަދަރުސަތުލް ސަނިއްޔާގެ ދަރިވަރުންނަށް ކިޔަވައި ދެއްވުމަށް އެކުލަވާލައްވާފައިވާ 41 ޞަފުޙާގެ މި ފޮތުގައި ހިމަނުއްވާފައިވާ 40 ފިލާވަޅުން މި ފޮތުގެ ބޮޑުކަމާއި ބޯކަން އެނގެއެވެ. ކޮންމެ ފިލާވަޅެއް ދަސްކުރާން އުނދަގޫ ނުވާވަރަށް ކުރުކޮށް ލިޔުއްވާފައިވާތީ މިއީ ކިޔާލަން ފަސޭހަ ޝައުޤުވެރި ފޮތެކެވެ. މިއީ ހުރިހާ ޒަމާނަކަށް ވެސް މުހިންމު އަދި އަތްމައްޗަށް ލުއި ފޮތެކެވެ.

ފޮތުގެ މުޤައްދިމާގައި އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީ ލިޔުވާފައިވެއެވެ. "އަޚްލާޤުގެ ޢިލްމަކީ ހިތާއި އެހެނިހެން ހިއްސުތައް ސުލުހަކޮށް މީސްތަކުގެ ތެރޭގައި އުޅޭނޭ ރަނގަޅު އުޅުމެއް އެއިން އެނގޭ ގަވާއިދުތަކަކަށް ކިޔޭނަމެކެވެ."
މިއީ ކޮންމެ މީހަކު ވެސް ދަސްކުރަންޖެހޭ ޢިލްމެކެވެ. އިންސާނުންނަކީ އެހެން މީހުންނާއެކުގައި އުޅެންޖެހޭ މީހަކަށް ވީ ހިނދު އަޚްލާޤީ ސިފަތަކާއި އަޚްލާޤީ ރިވެތި ހަމަތަކާއި އުސޫލުތަކާއި ގަވާއިދުތައް އެނގުން ހަމަ ކޮންމެ މީހެއްގެ މައްޗަށް ވެސް ލާޒިމެވެ. ރިވެތި ޚުލްޤާއި އަޚުލާޤުން އެހެން މީހުންނާމެދު މުއާމަލާތް ކުރަން ދަސްކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު މީހަކީ އަޚްލާޤު ރިވެތި މީހާއެވެ. މާތް ޚުލްޤަކީ ސުވަރުގޭގެ އަހުލުވެރިންގެ ސިފައެކެވެ.
ދުރޫސުލް އަޚްލާޤުގެ ފުރަތަމަ ފިލާވަޅަކީ ތަޤްވާވެރިކަމެވެ. "ތަޤްވާވެރިކަން" ދެ ފިލާވަޅަކަށް ބައްސަވާލައްވާފައިވެއެވެ. އެއީ ތަޤްވާވެރިކަމާއި ތަޤްވާވެރިކަމުގެ ފައިދާއެވެ. ތަޤްވާވެރިކަމަކީ ސިއްރުގައްޔާއި ފާޅުގައި ގަދަ ކީރިތިވަންތަ މާތް ރަސްކަލާނގެ ކުރެއްވި އަމުރުފުޅުތަކަށް ކިޔަމަންވެ ނަހީކުރެއްވި ކަންތަކުން ދުރުވެގަތުން ކަމަށް އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ ލިޔުއްވާފައިވެއެވެ.

އެއަށްފަހު އޮތް "ކިޔަވާ ކުއްޖާގެ އަދަބުތައް" ވަނީ ތިން ފިލާވަޅަކަށް ބައްސަވާލައްވާފައެވެ. ފުރަތަމަ ފިލާވަޅުގައި ވަނީ ކިޔަވާ ކުއްޖާއަކީ ކާކުކަމާއި، ކިޔަވާ ކުއްޖާގެ އަދަބުތައް ބެހިގެންވާ ތިން ބައިގެ ތެރެއިން ތިމާގެ އަމިއްލަ ނަފުސާމެދު ބަހައްޓާންވީ އަދަބުތަކެވެ. އެއަށްފަހު ވަނީ ކިޔަވައިދޭ އެދުރުމީހާއާ މެދުގައި ބަހައްޓާންވީ އަދަބުތަކާއި، ކިޔަވާ ކުއްޖާއާއެކުގައި އުޅޭ އެހެން ދަރިވަރުންނާމެދު ބަހައްޓާންވީ އަދަބުތަކެގެ މައްޗަށް އޮތް ދެ ފިލާވަޅެވެ.

ހަތްވަނަ ފިލާވަޅަކީ މައިންބަފައިންގެ ޙައްޤުތަކެވެ. އެއަށްފަހު އޮތީ މައިންބަފައިންނަށް ކިޔަމަންވުން، މައިމީހާގެ ހެޔޮކަން، ވެރީންނަށް ކިޔަމަންގަތުން، ތެދުވެރިކަން، އަމާނާތްެތެރިކަން، ވަޢުދު ފުއްދުން، ރުޅިމަޑުކަން މި ފިލާވަޅުތަކެވެ. އަލްޢަދުލް މި ފިލާވަޅުގައި ވަނީ ޢަދުލްވެރިކަމަކީ ކަންތައް ހިންގުމުގައި މާތް ކަލާނގެ ޝަރީޢަތާ އެއްގޮތަށް ކަންތައް ކުރުން ކަމަށެވެ. އެ ފިލާވަޅަށްފަހު އޮތީ ދޫރައްކާތެރިކުރުން، ތަވާޟުޢުވެރިކަން، އަލްއިޤްތިޞާދު، އިޤްތިޞާދުކުރާނެގޮތެވެ. ތަވާޟުޢުވެރިވުމަކީ ބޮޑާވެ ނުގަތުމާއި، މަޑުމައިތިރިވެ ގަތުންކަމަށާއި އިޤްތިޞާދު ކުރުމަކީ ޚަރަދުކުރުމުގައި މެދު މިނަކަށް ކަންތައްކުރުން ކަމަށް ވިދާޅުވެފައިވެއެވެ.

ދުރޫސުލް އަޚްލާޤުގައި އެކުވެރިކަމުގެ ދެ ފިލާވަޅަށްފަހު ތަޢާވުންގެ ދެ ފިލާވަޅެއް ވެއެވެ. އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީ "ތަޢާވުން" ފިލާވަޅުގައި ލިޔުއްވާފައިވާ ގޮތުގައި މާތް ކަލާނގެ އިންސާނާ ހައްދަވާފައިވާ ގޮތުން ވެސް އެކަކު އަނެކަކާއި ބައިވެރިވެ ވާގިވެރިވެގެން މެދުވީ، ދުނިޔޭގައި އުޅެވޭނޭ މަގެއް ނެތްކަމަށް ލިޔުއްވާފައިވެއެވެ. "އަލްމަޝްވަރާ" މި ފިލާވަޅުގައި ވިދާޅުވެފައިވަނީ ކޮންމެ ބޮޑު ކަމެއް ކުރާން އުޅޭއިރު، ތިމާއަށްވުރެން ތަންދޮރު ދަންނަ ގިނަ ތަޖުރިބާ ކުރެވިފައިވާ މީހުން ކުރެން ލަފާ އެހުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށެވެ.

"އަލްޖިއްދުވައްސަޢު"ގެ ދެ ފިލާވަޅާއި "އައްނަޘާފަތު"ގެ ދެ ފިލާވަޅު މި ފޮތުގައިވެއެވެ. އަލްޖިއްސުވައްސަޢުގެ ފިލާވަޅުގައި ވިދާޅުވެފައިވަނީ ކޮންމެ އެދުމެއް ހާސިލުކޮށް ގަތުމާއި ކޮންމެ މޮޅުކަމެއް ލިބިގަތުމުގެ ހަތިޔާރަކީ ގަދައަޅައި މަސައްކަތްކުރުން ކަމަށެވެ. "އައްނަޘާފަތު"ގެ ފިލާވަޅުގައި ވިދާޅުވަނީ ތާހިރުކަމަކީ ދީނާއި ދުނިޔޭގެ ހަމައިން ވާޖިބުވެގެންވާ ކަމެއް ކަމަށެވެ. "އައްތަޖައްސަސް" މި ފިލާވަޅުގައި ވިދާޅުވެފައިވަނީ ކޮންމެ މީހަކު ވެސް އެހެން މީހުންނަށް ދައްކައި ފައުޅުކުރުމަށް ނުއެދޭނޭ ކިތަންމެ ކަމެއް ހުންނާނެ ކަމަށެވެ. ދެން ވަނީ އަލްޣީބަ މި މައުލޫގައިވާ ޣީބަ ބުނުމާމެދު ލިޔުއްވާފައިވާ ދެ ފިލާވަޅެކެވެ. އެއަށްފަހު ވަނީ އައްނަބީމަ (ދެބައޮޑުވުން)، އަލްކަބީރު (ކިބުރުވެރިކަން)، އަލްޙަސަދު (ހަސަދަވެރިކަން)، އާދާބުލް ޙަދީޘް (ވާހަކަ ދެއްކުމުގެ އަދަބުތައް)، އާދަބުޒިޔާރަތު (ޒިޔާރަތް ކުރުމުގެ އަދަބުތައް)، އާދަބުއްތަޙިއްޔަތު (ސަލާމްކުރުމުގެ އަދަބުތައް)، އާދަބުލް ޖާލިސް (މަޖިިލިސްކުރުމުގެ އަދަބުތައް)، އާދަބުލްއަކްލި ވަޝުރުބް (ކެއުމުގެ އަދަބުތައް) މި ފިލާވަޅުތަކެވެ.

ފޮތް ނިންމަވާލައްވާފައިވަނީ ޢިލްމު އުނގެނުމުގެ ބޭނުމާ ބެހޭގޮތުން ލިޔުއްވާފައިވާ "ޚާތިމަތު" މި ފިލާވަޅުންނެވެ. ޖުމުލަކޮށް ދަންނަވާނަމަ މި ފޮތަކީ އެހާރާއި މިހާރަށްވެސް ވަރަށް ބޭނުންތެރި މުހިންމު ފޮތެކެވެ. ޚާއްޞަކޮށް ކިޔަވާ ދަރިވަރުންނަށެވެ. އާންމުކޮށް އެންމެންނަށެވެ.

ފޮތުގެ ޕީޑީއެފް ޑައުންލޯޑް ކުރައްވާ!

https://www.haqqubooks.com/single-post/7676556

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *